ކިނބުލަކާއި ވަތްތަރުގޮތެއްހުރި، ސައިޒުގެ ގޮތުން ބޮޑު މަހެއް ސިންގަޕޫރުގެ ފެންގަނޑެއްގެ އައްސޭރިއަށް ލައްގައިފިއެވެ.
މިމަސް ލައްގާފައި އޮތްތަން ފެނުނު ގިނަ މީހުންނަށްވަނީ ހައިރާންކަން ލިބިފައެވެ. އެއީ މަރުވެގެން ލައްގާފައި އޮތް މަހުގެ ސިފަތައް ކިނބުލަކާއި ވަތްތަރުވި ނަމަވެސް މަހެއްގެ ސިފަތައްވެސް ފެންނަން ހުރުމުންނެވެ.
ސިންގޫޕުގެ ވޯޓަރ އެޖެންސީއިން ހާމަކުރާގޮތުގައި މިއީ 'އެލިގޭޓަރ ގަރ' ނަމަކަށް ކިޔާ މަހެކެވެ. އެހެން ނަމަވެސް މިއީ ސިންގަޕޫރުގެ ކޯރުތަކާއި ފެންގަނޑުތަކުން ފެންނަ ބާވަތުގެ މަހެއް ނޫނެވެ.
މިއީ އެމެރިކާގެ ދެކުނުގެ ސަރަޙައްދުގައި ދިރިއުޅޭ މަހުގެ ބާވަތެކެވެ. މިހާ ދުރަށް މި މަސް އައީ ކިހިނެތްތޯ މިއީ އުފެދޭ ސުވާލެކެވެ.
ސިންގަޕޫރުގެ ކަމާއި ގުޅުންހުރި ވުޒާރާތަކުން ލަފާކުރުންގޮތުން މިއީ ގޭގައި މަސް ޓޭންކެއްގައި ގެންގުޅުމަށްފަހު ސައިޒުން މާ ބޮޑަށް ބޮޑުވުމުން ނުގެންގުޅެވިގެން ފެންގަނޑަށް ދޫކޮށްލާފައިވާ މަހެކެވެ.

އެލިގޭޓަރ ގަރ އަކީ އެހެން މަސްމަހާ މެހި ކައި ހަދާ ޝިކާރަކުރާ މަހަކަށްވާއިރު، މިފަދަ މަސްތައް ފެންގަނޑުތަކަށް ދޫކޮށްލުމަކީ މުޅި ފެންގަނޑުގެ ދިރުމަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާނެ ކަމަކަށްވާތީ އާއި މީގެ ބިހަކީ އިންސާނުންނަށްވެސް ނުރައްކާތެރި އެއްޗަކަށް ވުމުން ފެންގަނޑަށް އެރޭ ފަރާތްތަކުގެ ފުރާނައަށްވެސް ނުރައްކަލެއް ކުރިމަތިވެދާނެތީ، އެފަދަ ކަންތައް ނުކުރުމަށް ސިންގަޕޫރުގެ ކަމާއި ގުޅުންހުރި ވުޒާރާތަކުން ވަނީ އެދިފައެވެ.
ސިންގަޕޫރުގައި ފެންގަނޑުތަކަށް މިފަދަ މަސްތައް ދޫކުރުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ކަންތައް ކުރާ ފަރާތްތަކަށް 3000 ސިންގަޕޯރ ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހެއެވެ.