ސާމަރާ ހިކާ - ފޮޓޯ: މިއުޒިއަމްސް ވިކްޓޯރިއާ

ސާމަރާ ހިކާ

މިއީ ރާއްޖޭގެ ފަޅުތަކާއި ވިލުތަކުގައި އުޅޭ ހިކައެކެވެ.

މިބާވަތުގެ ހިކާ ޢާއްމުކޮށް އުޅެނީ ވެލިގަޑުމަތީގައި، 7 މީޓަރާއި 40 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. މިބާވަތުގެ ހިކާ އަޑިއަށް ފީނާއުޅޭ މީހުންނާއި މޫދަށްއެރިއުޅޭ މީހުން ގާތްވުމުން ފިލަންވެގެން ވެލިގަޑުގައި ވަޅުޖަހާ ހަދައެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 2 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 7 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ. މިބާވަތުގެ ޅަމަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގެ 2 ކަށިހުންނަނީ މަހުގެ ކުރިމައްޗަށް ނުކުމެފައެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ އަޅިކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ފަނޑު ރީނދޫކުލައެއްގައެވެ. މަހުގެ ހުރަހަށް ފުޅާ 4 ރޮނގު ހުރެއެވެ. މިބާވަތުގެ މަހުގައި މިރޮނގުތައް މާ ހާމަކޮށް ފާޅުކޮށް ހުރެއެވެ. އަދި މަހުގެ ކޮތަރިބައިގެ މަޑުކޮތަރިބައިގައި ކަޅުކުލައިގެ ދެ ލައްހުރެއެވެ.

މިއީ 35 ސެންޓިމީޓަރަށް ބޮޑުވާ. ކަކުނިފާޑުގެ ސޫތްޕާއި ބޮލިކައިއުޅޭ މަހެކެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު، މަހުގެ ސައިންޓިފިކްނަމާއި އިގިރޭސިނަމާ ގުޅުވައިގެން "ސާމަރާ ހިކާ" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: Peacock wrasse

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!