"ވެސަލް މޮނިޓަރިން ސިސްޓަމް" ފާނަ މަސްވެރިކަންކުރާ ދޯނިތަކުގައި ހަރުކުރުމަށް ބޭނުންވާކަމަށް ފާނަ މަސްވެރިން ބުނެފިއެވެ.
ފާނަ މަސްވެރިކަން ކުރާ ފ. ބިލައްދޫ ދޯންޏެއްގެ ވެރިފަރާތެއް މަސްވެރިން އެމްވީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފާނަ މަސްވެރިންނަކީވެސް އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުކުރާ ބައެއް ކަމަށެވެ. ބައެއްފަހަރު ހުވަދޫ އަތޮޅަށްވެސް ދަތުރުކުރާކަމަށް އޭނާ ބުންޏެވެ. އަދި ގިނަ ފަހަރަށް އެތެރެވަރީގައި މަސައްކަތްކުރާއިރު ގިނަ ސަރަހައްދުތަކަށް ރޭންޖު ލިބުމުގެ ދަތިކަން ހުންނަކަމަށާއި އިންޓަނެޓެގެ ޚިދުމަތް ވަރަށް ލަސްކަމަށް އޭނާ ފާހަނގަކުރިއެވެ. މީގެ އިތުރުން ވެެސެލް ލޮކޭޓިން ޑިވައިސް ހަރުކުރުމަކީ ފާނަ މަސްވެރިންނަަށް ވެސް ލިބިގެންދާނެ ރައްކާތެރިކަމެއްގެ އިތުރުން މުވާސަލާތީގޮތުން ކުރިއެރުން ލިބިގެންދާނެކަމެއްކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ފިޝަރީޒް މިނިސްޓްރީއިން ކަޅުބިލަމަހާއި ކަންނެލި އޮޑިފަހަރަށް ހަރުކޮށްދޭ ނިޒާމް ފާނަ މަސްވެރިކަން ކުރާ ދޯނިތަކުގައިވެސް ހަރުކުރަން ބޭނުންވާކަމަށް އޭނާ ބުންޏެވެ.
"ފާނަ މަސްވެރިންވެސް އަތޮޅުން ބޭރުގައި ދަތުރުކުރޭ. ކަމެއްވާނީ ބުނެފައެއްނޫން. ގިނަ ފަހަރަށް ރޭންޖު ވަރަށް ދަށް އިންޓަނެޓް ވަރަށް ނުލިބޭ. ވަރަށް ސްލޯ ވާނެ. އަދި އެއް އަތޮޅުން އަނެއް އަތޮޅަށް ދާއިރު، ޚާއްސަކޮށް ހުވަދޫ ކަނޑު ކަހަލަ ބޮޑު ކަނޑުތައް ހުރަސް ކުރާއިރު ގިނަ އިރު ނަގާނެ. ކަމެއް ދިމާވާނީ ބުނެފައެއެނޫން." އޮޑިވެރިއާ ބުންޏެވެ.
ވެސެލް މޮނިޓަރިން ހަރުކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ ކަނޑުމަހާއި ކަންނެލި ދޯނިތަކުގައެވެ. މިއީ ފިޝަރީޒް މިނިސްޓްރީގެ ހިލޭ އެހީގެ ދަށުން ހަރުކުރެވިގެންދާ ސިސްޓަމެކެވެ. ނަމަވެސް ޓްރެކިންގެ ޚިދުމަތައް ކޮންމެ މަހަކު އުރީދޫއިން 617 ރުފިޔާގެ ފީއެއް ނަގާނެއެވެ. މި ސިސްޓަމްގެ ސަބަބުން ސެޓްލައިޓް ސިގްނަލް މެދުވެރިކޮށް ކޮންމެ ސަރަހައްދަކުންވެސް ދޯންޏަށް އިންޓަރނެޓްގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި ދޯނި ކޮންމެ ސަރަހައްދެއްގައި އޮތް ނަމަވެސް ދޯނީގެ ވެރިފަރާތަށް ދޯނި ޓްރެކް ކުރެވޭނެއެވެ.