ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ރަނގަޅުވެ ގިނަ އަދަދަކަށް މަސް ބާނަން ފަށައިފިއެވެ.
އިއްޔެ އެކަނި މިފްކޯއަށް 539 ޓަނު މަސް ލިބިފައިވާއިރު މިއީ މިފަހުން އެންމެ ގިނައިން މަސް ލިބުނު ދުވަސް ކަމަށް މިފްކޯއިން ބުނެއެވެ. މިއީ95 ދޯނިން ބޭނި މަހެވެ. ގިނަ އަދަދަކަށް މަސް ލިބުމުގެ ސަބަބުން ކޫއްޑޫަގައި ފްރީޒިން ކެޕޭސިޓީ ފުލް ވުމާއި ގުޅިގެން 25 ދޯނީގެ މަސް މިއަދު ކިރާ ގޮތަށް ހަމަޖައްސާފައިވާކަމަށް ކޫއްޑޫއިން ބުނެއެވެ. ކޫއްޑޫގެ އެސިސްޓެންޓް ރީޖިނަލް މެނޭޖަރު މުސްތަފާ ޖަމީލް ވިދާޅުވީ، ހުކުރުދުވަހަކީ މިފްކޯއަށް އާންމުކޮށް މަސް ގަންނަ ދުވަހެއް ނޫންކަމަށާއި ނަމަވެސް ކިޔުގައި ތިބި ދޯނިފަހަރުގެ މަސް މިއަދު ގަންނާނެކަމަށެވެ. މިގޮތުން މި 25 ދޯނީގައި 210 ޓަނުގެ ގޮދާ އެބަހުރި ކަމަށާއި މަސް ކިރަން ކިޔުގަ ޖެހޭ ދޯނިފަހަރަކަށް ކޫއްޑޫން ހިލޭ އައިސް ފޯރުކޮށްދެމުންދާކަމަށް މުސްތަފާ ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުން އެވްރެޖްކޮށް ކޮންމެ ދޯންޏެއް 25 ޓަނާއި 12 ޓަނާ ދެމެދުގެ އަދަދަކަށް މަސް ބާނަމުންދާ ކަމަށް މަސްވެރިން ބުނެއެވެ. މިދިޔަ އަންގާރަ ދުވަހު އައްޑޫސިޓީ ރަސްކުރި ދޯނިން ވަނީ 31 ޓަނަށްވުރެ ގިނަ ގޮދާ ބާނާފައެވެ.
މަސްވެރިން ބުނާގޮތުން ކުރިއަށްއޮތް ތާންގައި މަސްވެރިކަން މިއަށްވުރެ ރަނގަޅުވާނެކަމަށެވެ. މިގޮތުން ހުވަދު އަތޮޅާ މާ ދުރު ނޫން ސަރަހައްދުތަކުން ގިނަ އަދަދެއްގެ ގޮދާ އައިންތައް ފެންނަމުންދާކަމަށް މަސްވެރިން ބުނެއެވެ.