މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް ލިޓަރެއްގެ އަގު 9 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
މިފްކޯއިން މި ބަދަލު ގެނެސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ. މީގެ ކުރިން ތެލުގެ އަގަށް ބަދަލެއް އަތުވެއްޖެ ނަމަ މިފްކޯގެ އެކި ގްރޫޕްތަކުގައި އެ މައުލޫމާތެއް ހިއްޞާ ކުރެއެވެ. ނަމަވެސް މިފަހަރު ތެލުގެ އަގަށް ބަދަލު ގެނައުމަށްފަހު އެއްވެސް ގްރޫޕެއްގައި އެކަން ޚިއްޞާ ނުކުރެއެވެ. މިމަހުގެ 22 އާއި ހަމައަށް މިފްކޯއިން މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކީ 8 ރުފިޔާ 50 ލާރިއަށެވެ.
މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައިވާއިރު މިފްކޯއަށްވުރެ އަގު ހެޔޮކޮށް އެހެން ރަށްރަށުން މަސްވެރިންނަށް ތެޔޮ ވިއްކަމުންދާކަމަށް ބުނެ މަސްވެރިންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިގޮތުން ރާއްޖެއަށް އެންމެ ފުޅާކޮށް ތެޔޮ އެތެރެކުރަނީ އެސްޓީއޯއިން ކަމަށްވާއިރު އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެޔޮ އާންމު ފަރުދުން ވިއްކާ ތެލަށް ވުރެ އަގު ބޮޑުވުމަކީ އިންތިހާއަށް ކަންބޮޑުވުމެއް ކަމަށް މަސްވެރިން ބުނެއެވެ.