އިންސާނުންގެ ސަބަބުން ދުނިޔޭގެ ކަނޑުތަކުގެ އަޑު މާބޮޑަށް ގަދަަވެއްޖެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ސައިންސްވެރިން ވިދާޅުވާގޮތުގައި ކަނޑުތަކާއި އެހެނިހެން ފެންގަނޑުތަކުގައި އަޑަށް އަންނަ ބަދަލުގެ ސަބަބުން އެތާގެ ދިރުންތަކަށް އޭގެ ނޭދެވޭ އަސަރުކުރެއެވެ. އެންމެ ކުޑަ ޑިނގާގެ ބާވަތްތަކުން ފެށިގެން ބޮޑުމަހުގެ ބާވަތްތަކަށްވެސް އަސަރުކުރާކަމަށްވެއެވެ.
ކެނެޑާގެ ޔުނިވާސިޓީއޮފް ވިކްޓޯރިއާގެ އިކޮލޮޖިސްޓެއް ކަމަށްވާ ފްރާންސިސް ޖައުނަސް ވިދާޅުވި ގޮތުގައި އަޑު ކަނޑުގެ ވަރަށް ފުނަށް ދަތުރުކުރެއެވެ. އޭނާ ފާހަނގަ ކުރިގޮތުގައި މަސްތަކުން މާހައުލު ދެނެގަތުމުގައި އެންމެ ބޭނުންތެރިއެއްޗަކީ އައްޔަށްވުރެ، އަޑަށް ވެދާނެއެވެ.
އަޑަކީ މަސްތަކާއި ކަނޑުގެ އެހެންދިރުންތަކަށް ދިރިހުރުމަށް ވަރަށް މުހިންމު އެއްޗެކެވެ. މަސްމަހާމެހި މުއާމަލާތްކުރަނީ އަޑުގެ ޒަރިއްޔާއިންނެވެ. އަޑަކީ ކަނޑުގައި ދިރިއުޅޭ ބައެއް މަސްތައް ކާނާ ހޯދުމަށް ބޭނުން ކުރާ ވަސީލަތެކެވެ. އަދި ޝިކާރަކުރާ މަސްތަކުން ސަލާމާތްވުމަށްވެސް އަޑު ބޭނުންކުރެއެވެ. މީގެ އިތުރުން ބައިވެރިން ހޯދުމުގައިވެސް މަސްތައް އަޑު ބޭނުންކުރެއެވެ.
އިންސާނުންގެ ސަބަބުން ކަނޑުތަކުގެ އަޑު ގަދަވެގެންދާތީ ކަނޑުގެ ދިރުންތަކަށް މުއާމަލާތްކުރުމުގައި އުނދަގޫވާކަމަށް ސައިންސްވެރިން ބުނެއެވެ. މި ގޮތަށް ކަނޑުގެ އަޑުގަދަވާން މެދުވަރިވަނީ ކަނޑުއުޅަނދު ފަހަރާއި، ތެލާއި އެހެނިހެން މައުދަން ހޯދުމަށް ކުރެވޭ މަސައްކަތްކަކާއި އިންސާނުން ކުރާ އެހެނިހެން މަސައްކަތްތަކުގެ ސަބަބުންނެވެ.
ކަނޑުގެ ދިރުންތަކުގެ ތެރެއިން ގިނަ ބާވަތްތައް މުއާމަލާތްކުރުމަށް ކުރާ މަސައްކަތަށް އިންސާނުންގެ ފަރާތުން ކަނޑުތަކަށްދާ އަޑުގެ ސަބަބުން ފަރުދާއެއްލެވޭ ކަމަށް ސައުދީ އަރަބިއާގެ ރެޑްސީ ރިސާޗް ސެންޓަރގެ އިކޮލޮޖިސްޓް ކާލޮސް ޑުއަރޓްވެސް ވިދާޅުވެއެވެ.
މިދިރާސާކުރި ސައިންސްވެރިންގެ ޓީމުން ފާހަނގަކޮށްފައިވާ ގޮތުގައި ރެޑްސީ ކަހަލަ ކާރޫބާރު ބޮޑު ކަނޑުތަކުގެ ދިރުއުޅޭ ދިރުންތައް މިހާރުވަނީ މަދުވެފައެވެ. އަދި މަސްމަހާމެއްސާއި އެހެނިހެން ކަނޑުގެ ދިރުންތަކުން ރެޑްސީކަހަލަ އަޑުގަދަ ކަނޑުތަކުން ދަތުނުކުރެއެވެ.