އދ. ދަނގެތީގައި ފާނަ އާލާކުރުމުގެ ޕައިލެޓް ޕްރޮޖެކްޓުގައި ހަރަކާތްތެރިވާ ފަރާތްތަކަށް 1000 ކުދި ފާނަ ދީފިއެވެ.
ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުން ބުނީ ދަނގެތީގައި ފާނަ އާލާކުރުމުގެ މަޝްރޫޢުގައި އުޅޭ ކޮންމެ ފަރާތަކަށްވެސް 1000 ކުދި ފާނަ އާލާކޮށްފައިވާކަމަށެވެ. މި ފާނަތަކުގެ ބަރުދަނަކީ 21.82 ގުރާމްކަމަށްވެސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުން ހާމަކުރެއެވެ.
ދަނގެތީގައި ފާނަ އާލާކުރުމުގެ މަޝްރޫޢަކީ ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ތަރައްޤީކޮށް ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޤްސަދުގައި 2017 ވަނަ އަހަރު ފެށި 5 އަހަރު ދުވަހުގެ މަޝްރޫޢެކެވެ.
މި މަޝްރޫޢޫގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމެވެ. އަދި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތައް ތަރައްޤީކޮށް، ހިންގާ ބަލަހައްޓައި، ދިވެހިރާއްޖޭގެ މެރިކަލްޗަރ ސިނާޢަތުގެ މަސައްކަތްތައް ހަރުދަނާކުރުމެވެ.
މިމަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކޮށް، އާންމު ރައްޔިތުންނަށް މެރިކަލްޗަރ މަސައްކަތުން އާމްދަނީ ލިއްބައިދިނުމަށްޓަކައި ފާނަ ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އ.ދ މަހިބަދޫ، އޮމަދޫ، ދަނގެތި އަދި ދިގުރަށުގައި ވަނީ ފަށާފައެވެ.
މިރަށްތަކުން ހޮވާލެވުނު ޖުމްލަ 19 ގޭބިސީއަކަށް މަޝްރޫޢުގެ ޚަރަދުގައި ކުދި ފާނައާއި، ކޮށްޓާއި، މަސްކާނާ ދަނީ ހަވާލުކުރަމުންނެވެ. މި ޕްރޮޖެކްޓަކީ މޫދު ކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތް ވިޔަފާރިއެއްގެ ގޮތުގައިކުރުން އަޖުމަ ބެލުމަށް ފަރުމާކުރެވުނު ހަރަކާތެކެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ހޮވިފައިވާ ގޭބިސީތަކަށް މޫދު ކޮށްޓާއި ކުދި ފާނައާއި މަސް ކާނާގެ އިތުރުން، ފާނަ ބޮޑުކުރުމުގެ ކުދި ވިޔަފާރި ރާވާ ހިންގުމާއި ގުޅޭ ސިލްސިލާ ތަމްރީނުތައްވެސް ކުރިއަށް ގެންދެވެއެވެ.
މި މަޝްރޫޢުގައި އާލާކުރާ ފާނަތައް ދަނީ ބޭރުގެ މާރުކެޓުތަކަށް ވިއްކަމުންނެވެ.