ރާއްޖޭ ސަރަހައްދުގައި ދާއަޅައިގެން މަސްހިފަން އޮއްވާ އަތުލައިގަތް ބޭރު ބޯޓުގެ މައްސަލަ ޕީޖީ އޮފީހަށް އަދި ހުށައަޅާފައި ނުވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުން މިހެން ވިދާޅުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އަތުލައިގަތް އިންޑިއާގެ ބޯޓުގެ ފަޅުވެރިންނަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމެވި ކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، އެ ބޯޓުގެ ފަޅުވެރިންނަށް ދަޢުވާ ނުކުރަން ނިންމި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށާއި އެ މައްސަލަ ޕީޖީ އޮފީހަށް އަދި ހުށައަޅާފައި ނުވާކަމަށެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ދާއަޅަން އުޅުނިކޮށް އަތުލައިގަތް މިބޯޓުގައި 8 ފަޅުވެރިން ތިއްބެވެ.