ޝިޔާހު މަހަށްދާ ދޯނި ކަންނެލި މަސްވެރިކަން ކުރުމުގައި
ޝިޔާހު މަހަށްދާ ދޯނި ކަންނެލި މަސްވެރިކަން ކުރުމުގައި

އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކު ބެލެހެއްޓުން ހަރުދަނާކުރުމަށް ރާއްޖެއިން ޕްރޮޕޯސަލެއް

އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކު ބެލެހެއްޓުމަށް އަޅައިފައިވާ ފިޔަވަޅުތައް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ޕް ރޮޕޯސަލް އެއް ތައްޔާރުކޮށްފިއެވެ.

މިގޮތުން މި ޕްރޮޕޯސަލް މިހާރުވަނީ އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތައް ހިމެނޭގޮތުން އެކުލަވައިލައިފައިވާ ]ޖީ 16 - ގްރޫޕް އޮފް ލައިކް މައިންޑަޑް ކޯސްޓަލް ސްޓޭޓްސް[ ގެ 25 ވަނަ ބައްދަލުވުމުގައި ހުށަހަޅައިފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ ފެބުރުއަރީ 23 އަދި 24 ވަނަ ދުވަހު ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމުގެ މަޤްޞަދަކީ މި އަހަރުގެ މާރިޗް މަހުގެ 8 އިން 12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރާ ސަރަޙައްދީ ޖަމުޢިއްޔާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައި.އޯ.ޓީ.ސީގެ ޚާއްޞަ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ޖީ-16 ޤައުމުތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކާމެދު މަޝްވަރާކޮށް ހިޔާލު އެއްގޮތް ކުރުން ކަމަށެވެ.

ޖީ-16 ގެ އިންތިޤާލީ ސެކްރެޓޭރިއެޓް ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން، މި ބައްދަލުވުން އިންތިޒާމުކޮށް ހިންގައިފައިވަނީ ރާއްޖެއިންނެވެ.

2015 ވަނަ އަހަރު ބޭއްވި އައި.އޯ.ޓީ.ސީ.ގެ ސައިންޓިފިކް ކޮމިޓީގެ 18 ވަނަ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ އާބާދީ ހީނަރުވެފައިވާ ކަމަށާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން ކުރަމުންދަނީ އެ ތަކެތީގެ އާބާދީއަށް ގެއްލުންވާނޭ މިންވަރަކަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އަދި ރީނދޫއުރަހަ ކަންނެލީގެ އާބާދީ އިއާދަކުރުމަށްޓަކައި 2016 ވަނަ އަހަރު ]އިންޓަރިމް ޕްލޭން ފޮރ ރީބިލްޑިން ދި އިންޑިއަން އޯޝަން ޔެލޯފިން ޓޫނާ ސްޓޮކްސް އިން ދި އައި.އޯ.ޓީ.ސީ . އޭރިއާ އޮފް ކޮމްޕިޓެންސް[ ގެ ނަމުގައި، ރީނދޫއުރަހަ ކަންނެލީގެ އާބާދީ އިޢާދަކުރުމުގެ ޕްލޭންއެއް ވަނީ ފާސްކޮށްފައިއެވެ. އަދި ޖެހިގެން އައި އަހަރުތަކުގައި މި ޕްލޭން އިތުރަށް މުރާޖަޢާކޮށް، މިހާރު އަމަލުކުރަމުން ދަނީ 2019 ވަނަ އަހަރު މުރާޖަޢާކޮށް އިންޑިއާ ކަނޑުގެ ގައި މަސްވެރިކަންކުރާ ޤައުމުތަކުގެ މެދުގައި އެއްބަސްވެފައިވާ ޕްލޭނަށެވެ.

މި ޕްލޭންގެ މަޤްޞަދަކީ އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ އާލާތްތަކަށް ބަހާލައިގެން މުޅި އިންޑިއާ ކަނޑުން ރީނދޫއުރަހަ ކަންނެލި ހިފާ ޖުމްލަ މިންވަރު މަދުކޮށް، ރީނދޫއުރަހަ ކަންނެލީގެ އާބާދީ އިޢާދަވުމަށް ފުރުޞަތު ދިނުމެވެ.

މި ޕްލޭންގެ ދަށުން، މަސްވެރިކަމުގައި ރީނދޫއުރަހަ ކަންނެލި ހިފާ މިންވަރު މަދުކުރަންޖެހޭ ބައެއް މަސްވެރިކަމުން، ކަނޑައަޅާފައިވީ މިންވަރަށް މަދުކުރިކަމުގައި ވީ ނަމަވެސް، ޕްލޭން ގެ ދަށުން ރީނދޫއުރަހަ ކަންނެލި ހިފާ މިންވަރު މަދުކުރަން ނުޖެހޭ، މި ކަމުން އިސްތިސްނާވާ މަސްވެރިކަމުގައި ރީނދޫއުރަހަ ކަންނެލި ހިފައިފައިވާ މިންވަރު އެތައްގުނައެއް އިތުރުވެފައިވާ ކަން ފާހަގަކުރެވެއެވެ.

މިގޮތުން 2014 ވަނަ އަހަރު ވަރަށް މަދުން ނުވަތަ އެއްވެސް މިންވަރަކަށް ރީނދޫއުރަހަ ކަންނެލި ހިފި ކަމަށް ރިޕޯޓު ނުކުރާ ބައެއް މަސްވެރިކަމުން 2019 ވަނަ އަހަރަށް އައިއިރު ރީނދޫއުރަހަ ކަންނެލި ހިފައިފައިވާ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.

މިހެންކަމުން މި ޕްލޭން ތަންފީޒުކުރަން ފެށުމަށްފަހު އައި އެއްވެސް އަހަރަކު ކަނޑައެޅިފައިވާ މިންވަރަށް، މުޅި އިންޑިއާ ކަނޑުން ރީނދޫއުރަހަ ކަންނެލި ހިފި ޖުމުލަ މިންވަރު މަދުވެފައި ނުވެއެވެ.

އަދި 2019 ވަނަ އަހަރު މި މިންވަރު ހުރީ %5 އިތުރުވެފައެވެ. އަދި އިންޑިއާ ކަނޑުން ރީނދޫއުރަހަ ކަންނެލި ހިފާ މިންވަރު މަދު ނުވެ، ކަންނެލީގެ މަސްވެރިކަން ކުރަމުންދާ ދިއުމުގެ ސަބަބުން ރީނދޫއުރަހަ ކަންނެލީގެ އާބާދީ ނެތި ހިނގައިދާނޭކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންޑިއާ ކަނޑުން ބާނާ ރީނދޫއުރަހަ ކަންނެލި ]ބޮއިކޮޓް[ ކުރަންޖެހިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ބޮޑެތި ރީޓެއިލަރުން އަދި ސުޕަމާކެޓްތަކުންވަނީ ދީފައިއެވެ.

އެހެންކަމުން، ދިވެހިރާއްޖެއިން އައި.އޯ.ޓީ.ސީ.ގެ ޚާއްޞަ ބައްދަލުވުމަށް ހުށަހެޅި ހުށަހެޅުމަކީ ، އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ ހާލަތު ރަނގަޅު ކުރުމަށާއި ރާއްޖެއިން ދުނިޔޭގެ ބާޒާރުތަކަށް ރީނދޫއުރަހަ ކަންނެލި އެކްސްޕޯޓުކުރުމަށް މުސްތަޤުބަލުގައި ކުރިމަތިވެދާނެ ހުރަސްތަކަށް ރިޢާޔަތްކޮށް އެކަންކަމަށް ހައްލު ހޯދުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ހުށަހެޅުމެކެވެ.

ދިވެހިރާއްޖޭގެ މި ހުށަހެޅުމަށް، އިންޑިއާ ކަނޑުންބާނާ ރީނދޫއުރަހަ ކަންނެލި ގަންނަ ފަރާތް ތަކާއި އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ އާބާދީއާއި މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ތިމާވެށީގެ ޖަމުޢިއްޔާތަކުގެ ތާއީދު ވަނީ ލިބިފައެވެ. މިގޮތުން، މި ހުށަހެޅުމަށް ތާއީދުކޮށްފައިވާ ބައެއް ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގެ ތެރޭގައި ވަރލްޑް ވައިޑް ފަންޑް-ޕާކިސްތާން، ބްލޫމެރިން ފައުންޑޭޝަން، އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން، އަރތްވޯރމް، އޯޝަން އައުޓްކަމްސް، އޮލިވް ރިޑްލީ ޕްރޮޖެކްޓް، ޝާރކް ޕްރޮޖެކްޓް އަދި ވައިލްޑް އޯޝަންސް ހިމެނޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!