unnamed (2)

ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ރޯޔަލް ޓާޓަލްތަކެއް ކޮންސަވޭޝަން ސެންޓަރެއްގައި އަލަށް ބިސް އަޅައިފި 

ކެމްބޯޑިއާގެ ކޮންސަވޭޝަން ސެންޓަރގައި ބަލަހައްޓަމުންދިޔަ ދުނިޔެއިން ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ވެލާގެ ބާވަތެއް ކަމަށްވާ ރޯޔަލް ޓާޓަލްތަކެއް އަލަށް ބިސް އަޅައިފިއެވެ.

ސަދަން ރިވާ ޓެރަޕިން ނުވަތަ ރޯޔަލް ޓާޓަލްތައް ދުނިޔެއިން ހުސްވެދާނެ ކަމުގެ ބިރު ހީވެ، ކެމްބޯޑިއާއިން މި ބާވަތުގެ ވެލާގެ އާބާދީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުގެތެރެއިން މި ބާވަތްތައް ބަލެހެއްޓުމަށްވަނީ ކޮންޒަވޭޝަން ސެންޓަރެއް ޤާއިމްކޮށްފައެވެ.

މި ސެންޓަރުގައި 192 ވެލާ އޮތް އިރު، ފާއިތުވީ 15 އަހަރުތެރޭ އެތަނުގައި ބަލަހައްޓަމުން އައި ރޯޔަލް ޓާޓަލްއެއް ބިސް އަޅާފައެއް ނުވެއެވެ.

ކޮންޒަރވޭޝަން ސެންޓަރުން ބުނީ އެތަނުގައި ބަލަހައްޓަމުންދާ ވެލާތަކުގެތެރެއިން 5 ވެލައެއް ބިސް އަޅާފައިވާ ކަމަށެވެ. އެގޮތުން މި 5ވެލާ ވަނީ ޖުމްލަ 71 ބިސް އަޅާފައެވެ.

ކެމްބޯޑިއާއިން ރޯޔަލް ޓާރޓަލްތައް މަދުވާން ފެށީ އެއްވެސް ކޮންޓްރޯލެއް ނެތި މީގެ ބިސްތަކާއި، މި ބާވަތުގެ ވެލާގެ މަސް ކެއުމަށް ބޭނުންކުރަމުންދިޔުމުންނެވެ. އަދި ކެމްބޯޑިއާގެ އަވަށްޓެރި ޤައުމުތަކަށްވެސް މި ބާވަތުގެ ބެލާތައް ގިނަ އަދަދަކަށް އޭރު ދިޔައީ އެކްސްޕޯޓުކުރަމުންނެވެ.

އަދި މީގެ އިތުރުން، ވެލާ ބިސް އަޅާ ވެލިގަނޑުތަކަށްވެސް ވެލި ނަގާ ފަރާތްތަކުގެ ސަބަބުން ގެއްލުންތައް ލިބި ވެލާގެ އާބާދީއަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރިއެވެ.

ކޮންސަވޭޝަން ސެންޓަރގެ ބެލުމުގެ ދަށުގައި ހުރި ވެލާތަކުގެތެރެއިން 50 ވެލާ މިއަހަރު ކޯރުތަކަށް ދޫކޮށްލުމަށް ހަމަޖެހިފައިވާކަމަށް އެ ސެންޓަރުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!