މަސްވެރިކަމާއި ގުޅޭ

ކަންފަތް ކަޅުފާނަ: ފޮޓޯ: ވިކީ މީޑިއާ

ކަންފަތް ކަޅުފާނަ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި ފަރުމަތީގައި އަދި ވިލުތެރޭގައި އުޅޭ މަހެކެވެ.

މިމަސް ގިނައިން އުޅެނީ 60 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. މިއީ ކުޑަފާނައެކެވެ. މިފާނަ އެންމެ ބޮޑުވަނީ 28 ސެންޓިމީޓަރަށެވެ. ދިވެހިންނަށް ދުވާލުގެ ކެޔޮޅުކަމުގައި ގިނައިން ބޭނިފައިހުންނަ، ކެއުމަށް ބޭނުންކުރާ މަހެކެވެ. މަހުގެ ކަރުތާފަތުގެ ކުރީބައި ހުންނަނީ ވަށްކޮށެވެ. ނިގޫފަތުގެ ކޮޅުވެސް ހުންނަނީ ވަށްކޮށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތުގައި 17 އާއި 19 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މިފާނައިގެ ކުލައަކީ ރަތްކުލައެވެ. ކަންފަތާއި، ބަނޑުދަށްފަރާތު ކޮތަރިބަޔާއި، ނިގޫފަތާއި، ބުރަކަށިމަތީ ކޮތަރިބައިގެ ފަހަތުކޮޅު ހުންނަނީ ކަޅުކޮންނެވެ.

މަހުގެ ތިރީ ތުނބުގައި ވަރަށް ކަޅު ދެތިކި ހުރެއެވެ. މަހުގެ ބޮލާއި ހަށިގަޑުގައި ގަދަ ރަތްކުލައިގެ ކުދިކުދި ތިކިތަކެއް ހުރެއެވެ. ޕެސިފިކް ކަނޑުގެ ސަރަޙައްދުތަކުގައި އުޅޭ މިބާވަތުގެ ފާނައިގެ ސިފައާއި، ކުލަވަރު އިންޑިއާ ކަނޑުގެ ސަރަޙައްދުތަކުގައި އުޅޭ މީގެ ފާނަޔާ ވަރަށް ތަފާތެވެ. މިފާނައިގެ ޢާއްމުކާނާއަކީ ކުދި މަހާއި ކަކުނިފާޑު ސޫތްޕެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Darkfin hind

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!