މަހުގައި އުފެދޭ ވިހަމާއްދާއެއް ކަމުގައިވާ "ހިސްޓަމިން" މަދުކުރުމަށް ވަކިލެވެލްއަކަށް މަސް ފިނިކުރަންޖެހޭކަމަށާއި، އެއީ އަތް ޖައްސާލީމައި ފިނިކަން އިހުސާސްވާ މިންވަރަށް މަސް ފިނިކުރުން ނޫންކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ކޮލިޓީ އެޝުއަރެންސް ތަޖުރިބާކާރެއްކަމުގައިވާ ސީމާ އަލީ ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ސައްލާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސީމާ ވިދާޅުވީ، މަސްފިނިކުރާއިރު 10 ޑިގްރީ ސެލްސިއަށް ވުރެ ދަށް މިންގަނޑަކަށް މަސް ފިނިކުރަން ޖެހޭ ކަމަށެވެ. މަސްބާނައިގެން ފުރަތަމަ އަޅާ އައިސް ކޮޅަކުން މަސް ފިނިނުވާނެކަމަށާއި މަސް ފިނިވުމަށް އެކަށީގެންވާ ވަގުތެއް ނަގާނެކަމަށް ސީމާ ފާހަގަ ކުރެއެވެ.
މަސް ފިނިނުކުރެވިދާނެ ކޮންމެ ވަގުތަކީ އޭގައި "ހިސްޓަމިން" އިތުރުވެގެންދާނެ ކަމެއްކަމަށާއި އެހެންކަމުން މަސްބޭނުމަށްފަހު ވީހާވެސް އަވަހަކަށް މަސްފިނިކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ސީމާ ވިދާޅުވިއެވެ.
ހިސްޓަމިން އެކުލެވޭ މަސްކެއުމުން އިންސާނުން ވިހަ ވާނެކަމަށް ފާހަގަ ކުރައްވަމުން ސީމާ ވިދާޅުވީ މަސް ފިނިނުކުރެވި ގިނަ އިރުވާ ކޮންމެ ވަގުތަކީ މަހުގައި ހިސްޓަމިން އިތުރުވެގެން ދާނެ ވަގުތެއް ކަމަށެވެ. ހިސްޓަމިން އިތުރުވިޔަ ނުދޭން ކުރެވޭނެކަމަކީ މަސް ފިނިކުރުން ކަމަށް ސީމާ ވިދާޅުވިއެވެ.
"މަސްކައިގެން އިންސާނަކު ވިހަވެދާނެ އެއްޗެއް މަހުގައި އުފެދޭ. އެއީ މީތީގެ މައިގަނޑު އެއްޗަކީ އަސްލުގަ. ހިސްޓަމިން އެއަށް މިކިޔަނީ. މަސް ފިނިނުކުރެވި ދާ ކޮންމެ ވަގުތަކީ މަހުގައި ހިސްޓަމިން އިތުރުވެގެންދާ ވަގުތުތަކެއް". ސީމާ ވިދާޅުވިއެވެ.
ހިސްޓަމީންއާ ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން، ސީމާ ވިދާޅުވީ ހިސްޓަމިން އަކީ މަހުގައި ހުންނަ "ހިސްޓިމީން" ކިޔާ "އެމިނޯ އެސިޑެކެވެ. މަސް މަރުވެގެން މަސް ފިނި ނުކުރެވި ހުންނަ ވަގުތުތަކުގައި "ބެކްޓީރިއާ"އާ، މަހުގައި ހުންނަ އެންޒައިމްތައް ވިހަމާއްދާއަށް ބަދަލުކޮށްލައެވެ. މަސް ފިނި ނުކުރެވި ހުންނަކަމަށްވަނީނަމަ، މި ވިހަމާއްދާތައް އުފެދި އިތުރުވަމުންދާ ދިއުން ވަރަށް އަވަސްވާނެކަމަށް ސީމާ ވިދާޅުވިއެވެ.
"މަސް ފިނިނުކުރެވި ދާ ކޮންމެ ވަގުތަކީ މަހުގައި ހިސްޓަމިން އިތުރުވެގެންދާނެ ވަގުތުތަކެއް. މަސް ފިނިވެގެން މަހުގެ ހިސްޓަމިން އިތުރުވިޔަ ނުދޭން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ. ހިސްޓަމިންއަކީ ހަގީގަތުގައި މަހުގައި ހުންނަ ހިސްޓަމީން ކިޔާ އެމިނޯ އެސިޑެއް. މަސް މަރުވެގެން މަސް ފިނިނުކުރެވި ހުންނަ ވަގުތުތަކުގައި ބެކްޓީރިއާއާއި މަހުގައި ހުންނަ އެންޒައިމްތައް ވިހަ މާއްދާއަށް ބަދަލުކޮށްލަނީ". ސީމާ ވިދާޅުވިއެވެ.
One Response
ފިނިނުވަންޏާ ވިހަވާވާނެ ހިސްޱަމިންނަކީ ފިނިނުވާތި ވާގޮތެއް އެނގިއްޖެ!