ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ބޯޓުތަކުން ދާ އަޅައިގެން މަސްވެރިކަންކުރާތީ އެކަން ހުއްޓުވުމަށްޓަކައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޠާރިޤް މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ބޯޓުތަކުން ދާ އަޅައިގެން މަސްވެރިކަންކުރާ މިންވަރު ފަހަކަށްއައިސް ވަރަށް އިތުރުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެހެލެއްޓުމަށް އިތުރަށް ސަމާލުކަން ދިނުމަށް މި ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.
"ދާއަޅައިގެން މަސްވެރިކަން ކުރާ ބޭރުގެ ބޯޓުގެ ފަހަރަު މަޢުލޫމާތު ގިނަ އަދަދަކަށް މަސްވެރިން ދެމުންދާތީއާއި، އުތުރު އަތޮޅުތަކާ ދިމާލަށް ފެންނަ ބޯޓުފަހަރު އިތުރުވެ މަސްވެރިކަމަށް އިންތިހާއަށް އަސަރުކުރަމުން ދިއުމާއި ދާއަޚައިގެން ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރުމަކީ ޤާނޫނާ ޚިލާފު ކަމަކަށްވާއިރު، ރާއްޖެއިން ބޭރުގެ މިފަހަދަ ބޯޓުތަކާމެދު އިތުރަށް ފަރުވާތެރިވެ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް އިތުރަށް ސަމާލުކަން ދިނުމަށް ސަރުކާރަށް ގޮވާލުމާއެކު 24 ފެބްރުއަރީ 2021 ވަނަ ދުވަހު ނ އަތޮޅާ ދިމާ 30 މޭލު ބޭރުން ކަންނެލި މަސްވެރިކަން ކުރާ 2 ދޯންޏަކުން ރިޕޯޓްކޮށް އަދި ދިވެހި ސިފައިން އަންނަންދެން މި ބޯޓަށް ފާރަވެރިވެ އެންމެ ފަހުން ދިވެހި ރާއްޖޭގެ ކޯސްޓްގާރޑުން ހިފަހައްޓާފައިވާ އެންމެ ފަހުން އަތުލައިގަތް ދާއަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޯޓާމެދު އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާކަމުގެ މަޢުލޫމާތު ލިބޭތީއާއި، އަދި އޭގައި ތިބި މީހުންނަށް ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާތީއާއި، ދިވެހި މަސްވެރިން އެތައް ވަގުތަކާއި އެތައް މަސައްކަތުން މިފަދަ ބޯޓުފަހަރު ހިފަހައްޓާ ރިޕޯޓް ކުރަމުންދާއިރު ރާއްޖޭގެ ސަރަހައްދުން އަތުލައިގަންނަ ދާ އަޅާ މަސްބޯޓުތަކަށް އެއްވެސް ފިޔަވަޅެއް ނާޅައި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ދާ އަޅައިގެން މަސްވެރިކަން ކުރި މީހުންނާމެދު ދަޢުވާ ކުރުމެެއްނެތި ދޫކޮށްލުމަކީ އެފަދަ ބޯޓުތަކަށް ލިބޭ އިތުރު ފުރުޞަތަކަށްވެ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ނުހަނު ގެއްލުން ލިބޭ ކަމަކަށްވާތީވެ، އަދި މިފަދަ ބޯޓުތަކަށް ފިޔަވަޅު ނޭޅުމަކީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ވެވޭ އިހުމާލެއްކަމަށް ދެކި 24 ފެބްރުއަރީ 2021 ވަނަ ދުވަހު ސިފައިންގެ ބެލުމުގެ ދަށަށް ގެނެވުނު ދާއަޅާ ބޯޓާމެދު، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިތަކުން އެޅެންހުރި ފިޔަވަޅު ވަގުތުން އެޅުމަށާއި މިދުވަސްވަރު ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުން އިތުރަށް ސަމާލުކަން ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށައަޅަމެވެ." މެމްބަރު ތާރިޤް ވިދާޅުވިއެވެ.
މި މައްސަލަ ބަލައިގަތުމާމެދު ނެގި ވޯޓުގައި, މައްސަަލަ ބަލައިގަތުމަށް ވޯޓުދެއްވީ އެންމެ 10 މެންބަރުންނެވެ. ނުފެންނަކަމަށް 26 މެންބަރަކު ވަނީ ވޯޓުދެއްވާފައެވެ. އެހެންކަމުން މި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.
One Response
hingaa dhaa alhaa boatu faharu hifaa ekanthah huttuvumah mdp ge edhumaa ehgothah hendhunaa thedhuve vote foshithah furaalamaa😂