މަސްވެރިކަމާއި ގުޅޭ

df

މިފްކޯއަށް މިއަހަރު ސަރުކާރުން އެއްވެސް މާލީ އެހީތެރިކަމެއް ނުދޭ: މިނިސްޓަރ

މިހާރު މިފްކޯ ހިންގަމުންދަނީ ސަރުކާރުގެ މާލީ އެހީތެރިކަމާއި ނުލައި ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ މީގެކުރިން ސަރުކާރުން މިފްކޯ ހިންގުމަށް މާލީ އެހީ ދިން ނަމަވެސް، މިއަހަރުގެ މިހާތަނަށް މިފްކޯއަށް އެއްވެސް މާލީ އެހީތެރިކަމެއް ފޯރުކޮށްދީފައިނުވާކަމަށެވެ.

"މިފްކޯއަށް މަސް ގަންނަން ދައުލަތުން ޚަރަދު ކުރައްވާ އެކަމަކު މިއަހަރަކު ދައުލަތަކުން މިފްކޯއަކަށް އެއްވެސް ފައިސާއެއް ނުދޭ. މިފްކޯއިން އަމިއްލައަށް ކަންކަން މެނޭޖް ކުރަނީ" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަ އަގުތަކަށް ބަލާއިރު މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަނީ ގެއްލުމުގައި ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 12 މަސްދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު މިފްކޯއިން މަސް ގަނެފައިވަނީ ކޮންމެ ކިލޯއަކުން 3 ރުފިޔާ ނުވަތަ 4 ރުފިޔާގެ ގެއްލުމުގައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިފްކޯ ޕްރައިވެޓައިޒް ކުރުމާ ގުޅޭގޮތުން މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރައްޔިތުންނާ އެހާ ގުޅުންހުރި ކުންފުންޏެއް ޕްރައިވެޓައިޒް ކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށެވެ

މިފްކޯގެ ދަރަނި ބޮޑުވެ ކުންފުނި ބަނގުރޫޓް ވުމުގެ ކުރިން ސަރުކާރުން ވަނީ 2016 ވަނަ އަހަރު އެ ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށް ހިންގުމުގެ ޒިންމާ އެސްޓީއޯއާ ހަވާލުކޮށްފައެވެ. ނަމަވެސް އެ ކުންފުނީގެ މާލީ ހާލަތު ދަށްވެ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާކަމުގެ ޝަކުވާ އިތުރުވެފައިވާތީ ސަރުކާރުން މިހާރު ވަނީ މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ.

އެގޮތުން ޒަމާނީ ވަސީލަތްތަކާއިއެކު މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމާއި މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ. އަދި މަސް ކިރުވުމަށްފަހު މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީ އެންމެ އަވަހަކަށް ދީ ޚަލާސްކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!