ރާއްޖޭގައި ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް ޙާއްސަ ކަނދުފަތިތަކެއް އެޅުން މުޙިއްމު ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ހާމަކޮށްފިއެވެ.
މަސްވެރިން އެމްވީ އާއި ވާހަކަދައްކަވަމުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން، ބީކޭއެމްޔޫގެ ރައީސް ހުސެއިން ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު އަޅާފައިވާ ކަނދުފަތިތަކަކީ ހަމައެކަނި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ޙާއްސަ ކަނދުފަތިތަކެކެވެ. އަދި މި ކަނދުފަތިތަށް ކައިރިން ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ. އަދި އެކަން ކުރާ ދޯނިފަހަރުތަށް ސަރުކާރުންދަނީ ޖޫރިމަނާކުރަމުންނެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި ދޮށީގެ މަސްވެރިކަން އަދި ކަންނެލީގެ މަސްވެރިކަންވެސް ކުރަނީ ހަމަ ދިވެހިން ކަމަށާއި، އެހެންކަމުން ކަންނެލީގެ މަސްވެރިންނަށްވެސް ބޭނުން ހިފޭނެ ކަނދުފަތިތަކެއް ހުންނަންވާނެ ކަމަށެވެ.
" ދޮށީގެ މަސްވެރިންނަކީވެސް، ކަންނެލީގެ މަސްވެރިންނަކީވެސް ދިވެހިރާއްޖޭގެ ހަމަ މަސްވެރިން، ކަންނެލީގެ މަސްވެރިނަށްވެސް ބޭނުން ހިފޭ ކަނދުފަތިތަކެއް އެބަޖެހޭ ސަރުކާރުން ޤާއިމްކޮށްދޭން،" ނަޝީދު ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ބީކޭއެމްޔޫއިން ވަނީ ފިޝަރީޒް މިނިސްޓްރީއާއި ވެސް ވާހަކަދައްކާފައެވެ. އަދި މިނިސްޓްރީން ދީފައިވާ ޖަވާބަކީ އަދި އެކަހަލަ ވިސްނުމެއް ނެތް ކަމަށް، ނަޝީދު ވިދާޅުވިއެވެ.
" ބެލެވެނީ ފިޝަރީޒް މިނިސްޓްރީގެ ރިސަރޗުކުރާ ޓީމްތަކުން ދިރާސާކުރުމަށް ފަހު ނިންމުމެއް ކަމަށް ބޮޑަށް ބެލެވެނީ، އެކަމަކު މި ނިންމުން ބަދަލުކުރުމަށް އަދިވެސް ޔޫނިއަންގެ ފަރާތުން މަސައްކަތްކުރާނަން، ސަބަބަކީ ދޮށީގެ މަސްވެރިންނަށް ކަނދުފަތިތަކެއް ޤާއިމްކުރެވޭނަމަ، ކަންނެލީގެ މަސްވެރިންނަށްވެސް މިފަދަ ކަނދުފަތި ހުންނަން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓްރީއާއި ރާއްޖެޓީވީ ގުޅިގެން ގެނެސްދޭ “މަސްވެރިންގެ ސައްލާ” ޕްރޮގްރާމްގައި ފިޝަރީޒް މިނިސްޓްރީންވަނީ ކަންނެލީގެ މަސްވެރިންނަށް ކަނދުފަތިތައް ކައިރިން ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކަނދުފަތިކައިރީ ކުރަން ހުއްދަ ދީފި ނަމަ ކަޅުބިލަމަހުގެ މަސްވެރިކަމަށް ބޮޑު އަސަރެއް ކުރާނެ ވިދާޅުވެފައެވެ.
މަސްވެރިންގެ ސައްލާ ޕްރޮގްރާމްގައި ބައިވެރިވި ބޮޑުކަންނެލީގެ މަސްވެރިޔަކު ވަނީ ކަނދުފަތިތައް ހަމައެކަނި ދޮށީގެ މަސްވެރިނަށް ޚާއްޞަ ކުރަނީ ކީއްވެތޯއާއި ބޮޑުކަންނެލީގެ މަސްވެރިންނަށް ކަނދުފަތި ކައިރިން ރޯލު ދޫކޮށްގެން ކަންނެލި ބޭނުން މަނާ ކުރަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވަނީ ދެ ކަމެއް ފާހަގަކުރައްވާފައެވެ. ފުރަތަމަ ކަމަށް ފާހަގަ ކުރެއްވީ ކަނދުފަތި ކައިރިޔަށް ރޯލު ދޫކޮށްގެން ކަންނެލި ބާނާ ނަމަ އޭގެ ނޭދެވޭ އަސަރު ބޮއި ކައިރީ އުޅޭ ކަޅުބިލަ މަހަށް ކުރާނެ ކަމެވެ. ދެވަނައަށް ފާހަކަ ކުރެއްވީ ރާއްޖޭގެ ކަންނެލި ގަންނަ ބޮޑެތި މާރކެޓްތަކުން ކަނދުފައްޗާ ދެކޮޅަށް ކުރާ މަސައްކަތް ތަކެވެ.