އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ރީނދޫއުރަހަ ކަންނެލީގެ އާބާދީ އާލާކުރުމަށް ފިޔަވަޅުތަކެއް ނޭޅުމުން މިނިސްޓަރު ޒަހާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިނިސްޓަރު ޒަހާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާ ކަނޑުން ރީނދޫ އުރަހަ ކަންނެލި ބާނާ މިންވަރު އިތުރުވެފައި ވާކަމަށެވެ. އެހެންކަމުން ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އާލާކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަން ޖެހިފައި އޮތް މަސައްކަތެއްކަމަށް ޒަހާ ވިދާޅުވިއެވެ. އެހެންނަމަވެސް، އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ ގައުމުތައް ބައިވެރިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން އެންމެ ފަހުން ބޭއްވި ބައްދަލުވުން ނިންމާލިއިރު، ހަރުދަނާ ފިވަވަޅުތަކެއް އެޅުމަށް ނިންމާފައި ނުވާކަމަށް ޒަހާގެ ޓްވީޓުގައު ވަނީ ވިދާޅުވެފައެވެ.
އައިއޯޓީސީގެ އެންމެ ފަހުގެ ބައްދަލުވުން ބާއްވާފައިވަނީ 8 މާޗް އިން 12 މާޗް 2021 ގައެވެ. މި ބައްދަލުވުމުގެ "ވައިސް ޗެރަޕާސަން"ގެ މަގާމު ފުރުއްވީ ރާއްޖޭގެ ފަރާތުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދެވެ.
އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އާލާކުރުމަށް އައިއޯޓީސީއިން ހަރުދަނާ ފިޔަވަޅުތަކެއް ނޭޅުމުން ގްރީންޕީސް ޔޫކޭއިންވެސް ވަނީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އައިއޯޓީސީގައި ހިމެނޭ ނުފޫޒުގަދަ ގައުމުތަކުން އިންޑިއާ ކަނޑު ހިމާޔަތްކުރުމަށް ނުކުޅެދިފައިވާކަމަށް ބުނެ، ގްރީންޕީސް ޔޫކޭއިންވަނީ އާ ބައިނަލް އަގުވާމީ މުއާހަދާއެއް ބޭނުންވާކަމަށް ބުނެފައެވެ.