ކޮލަމާފުއްޓާ ދިމާ ބޭރުން ފެނުނު ބޯޓަކީ މަސްތުވާތަކެތި ހިފައިގެން އައި ބޯޓެއް ކަމުގެ ތުހުމަތު!

ކޮލަމާފުއްޓާ ދިމާ ބޭރުން ފެނުނު ބޭރުގެ މަސްބޯޓު. މި ބޯޓަކީ މަސްތުވާތަކެތި ހިފައިގެން އައި ބޯޓެއް ކަމަށް ތުހުމަތު ކުރެވޭ
ކޮލަމާފުއްޓާ ދިމާ ބޭރުން ފެނުނު ބޭރުގެ މަސްބޯޓު. މި ބޯޓަކީ މަސްތުވާތަކެތި ހިފައިގެން އައި ބޯޓެއް ކަމަށް ތުހުމަތު ކުރެވޭ

މިދިޔަ ހޮނިހިރު ދުވަހު ގއ. ކޮލަމާފުއްޓާ ދިމާ ބޭރުން ފެނުނު ބޭރުގެ ބޯޓަކީ މަސްތުވާތަކެތި ހިފައިގެން އައި ބޯޓެއް ކަމަށް ތުހުމަތު ކުރެވެން ފަށައިފިއެވެ.

އެސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏަކަށް އެބޯޓު ފެނުނީ ހޮނިހިރު ދުވަހު ހަވީރު 16:00 ގައި ކޮލަމާފުއްޓާ ދިމާލުން 10 މޭލު ބޭރުންނެވެ. މަސްވެރިން އެމްވީއަށް މަޢުލޫމާތު ދެމުން މި ބޯޓާ ކައިރި ކުރި މަސްދޯނިން ބުނީ އެދޯނި ބޯޓާ ގާތްވުމުން އެ ބޯޓުގެ މިސްރާބު ސީދާ ބޭރަށް ބަދަލުކޮށްލި ކަމަށެވެ. ބޯޓުގެ ފަހަތުން ދޯނި ދުއްވަން ފެށުމުން "ބަންދުކޮށްފައިހުރި ބަސްދާ" ތަކެއް ކަނޑަށް އުކާލި ކަމަށް އެ ދޯނިން ބުނެއެވެ.

މި ބޯޓުގެ މަޢުލޫމާތު ވަގުތުން އެމްއެންޑީއެފާ ޚިއްޞާ ކުރިކަމަށާއި، އަދި ބޯޓުން "ގޮތް ނޭންގޭ" ބަސްދާތަކެއް ކަނޑަށް އުކާލި ކަމުގެ މަޢުލޫމާތުވެސް އެމްއެންޑީއެފް ޚިއްޞާ ކުރި ކަމަށް އެދޯނިން ބުނެއެވެ. މިމަޢުލޫމާތު ދިނުމުން އެ ބަސްދާ ތަކާ ކައިރި ނުވުމަށް އެމްއެންޑީއެފުން އިރުޝާދު ދެއްވި ކަމަށް އެދޯނިން ބުނެއެވެ.

"ބޯޓާ ގާތްކޮށްލުމުން ވަގުތުން ބޭރަށް ދުއްވާލީ. އަހަރެން ބޯޓު ފަހަތުން ދުއްވަން ފެށީމަ ބަންދުކޮށްފައިހުރި ބަސްދާތަކެއް ކުއްލިޔަކަށް ކަނޑަން އުކަންފެށި. މިމަޢުލޫމާތު ސިފައިންނަށް ދިނުން. ސިފައިން ބުނި އެއާ ކައިނި ނުވުމަށް. އެހެންވެ އަހަރެމެން ދުއްވީ ބޯޓު ހުއްޓުވަން ބޯޓުގެ ފަހަތުން. މިހެން ގޮސް 30 މޭލަށް ދުއްވިން ބޯޓު ފަހަތުން. މަޑެއް ނުކުރި. މި ބޯޓަކީ މަސްވެރިކަން ކުރަން އައިސް އުޅޭ ބޯޓެއް ވައްތަރު ނުޖަހާ. އެކަހަލަ ބޯޓެއް ނަމަ މަސްދޯންޏެއް ކައިިރިކޮށްލާއިރަށް މަޑުކޮށްލާނެ. މި ބޯޓުގައި މަސްވެރިކަން ކުރަން ގެންގުޅޭ ކަހަލަ ސާމާނެއްވެސް ފެންނަން ނެތް. އެހެންވީމަ ތުހުމަތު އެބަކުރެވޭ އެހެން ކަމެއްގަ އައިސް އުޅޭ އެއްޗަކަށްވެސް". މަސްދޯނިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެދޯނިން ބުނީ ބޯޓު އޮތް ސަރަހައްދަށް ސީއެމްބިއުލެންސް ވެސް ދިޔަ ކަމަށެވެ. އަދި ބޯޓު ދޫކޮށް ސީއެމްބިއުލާންސް އާއި އެ ދޯނި އަތޮޅަށް ވަނީ އެރޭ ދަންވާން އުޅެނިކޮށް ކަމަށެވެ.

މި ބޯޓާ ގުޅޭގޮތުން ކަމާގުޅޭ އެއްވެސް އިދާރާއަކުން މިހާތަނަށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެކުރިން މިފަދަ ބޯޓުތަކުން ރާއްޖެއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކޮށްފައި އެބަހުއްޓެވެ. މިގޮތުން ރާއްޖެއަށް ދާދި ފަހުން އެތެރެކުރި 150 ކިލޯގެ މަސްތުވާ ތަކެއްޗަކީވެސް ހުވަދު އަތޮޅާ ދިމާ ބޭރުގައި އޮތް ބޯޓަކުން އެތެރެކުރި މަސްތުވާތެކެތި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެއިތުރުން ބ. އަތޮޅާ ދިމާ ބޭރުންނާއި ކ. އަތޮޅާ ދިމާ ބޭރުންވެސް މިފަދަ ބޯޓުތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް ފުލުހުން ވަނީ އަތުލައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ