މިއަހަރުތެރޭ ތ. އަތޮޅުގެ 3 ރަށެއްގައި އައިސް ޕްލާންޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިނުގައި ތ.އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ތ. އަތޮޅަކީ މަސްވެރިކަމަށް ބަރޯސާވާ އަތޮޅެއްކަށްވާތީ، އައިސް ޕަލާންޓް ބަހައްޓައިދޭން އަތޮޅުގެ ރައްޔިތުން އެދެމުންދާކަމަށެވެ. އަދި މިކަމަށް އިޖާބަ ދީ މިއަހަރުތެރޭ އެ އަތޮޅުގައި 3 އައިސް ޕްލާންޓެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
މިއަހަރުތެރޭ އައިސްޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވަނީ މަޑިފުއްޓާއި، ވިލުފުއްޓާއި ބުރުނީގަައި، މަޑިފުއްޓާއި ވިލުފުށީގައި 15 ޓަނު ބުރުނީގައި 5 ޓަނުގެ އައިސް ޕްލާންޓެއް ބެހެއްޓޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހް ވިދާޅުވީ މިހާރު ބިޑް އިވެލުއޭޓުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްވެރި އަތޮޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ތ. އަތޮޅުގައި މިހާރުވެސް އަމިއްލަ ފަރާތްތަކުން ދަނީ އައިސް ޕްލާންޓު ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. އެއީ ތ. އަތޮޅު ހިރިލަންދޫގަ އައި ވަންދޫގައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އައިސް ޕްލާންޓްތައް މިހާރު ޤާއިމްކޮށްފައިވެއެވެ. ގިނަ އަތޮޅުތަކުގައި ހުރީ އެންމެ އައިސް ޕްލާންޓެކެވެ. ރާއްޖޭގައި މިހާރު ހުރި ގިނަ އައިސްޕްލާންޓް ތަކަކީ ދުވާލަކަށް 25 ޓަނުގެ އައިސް އުފެއްދޭވަރުގެ ޕްލާންޓްތަކެވެ. މިހާރު ރާއްޖޭގައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރާ ގާތަކަށްވެސް އައިސް އެއް ނޫފެއްދެއެވެ.