މަސްވެރިކަމުގެ މައުލޫމާތު: ހުއިފި ލަނޑާގެ ޠަބީޢަތް އަދި ދިރިއުޅޭ މާޙައުލު

ކަނޑުގެ އެކި ކަހަލަ މާޙައުލުތަކުގެ ބިމުގެ ފަސްގަނޑުގައި ހުއިފިލަނޑާ އުޅެއެވެ (ޕަރސެލް، އެޓް އަލް. 2016).

މީގެ ތެރޭގައި ފުންކަނޑުން ފެށިގެން ގޮސް، ތިލަ ފަޅުފަށާއި ގޮނޑުދޮށާ ކައިރީގައި އުފެދިފައިވާ ޗަސް ބިމާއި، ހޫނު ކަނޑުތަކާއި ކަނޑުތައް ހިމެނެއެވެ. ހުއިފިލަނޑާ ދަތުރުކުރާ ގޮތްތަކާއި، އާބާދީގެ ކުޑަބޮޑުމިން އަދި ދުނިޔޭގެ އެކި ސަރަޙައްދުތަކަށް އާބާދީ ބެހިފައިވާ ގޮތް އެތައް ކަމެއްގެ މައްޗަށް ބަރޯސާވެއެވެ. މިގޮތުން ކަނޑުގެ ފުންމިނާއި (ވަރސިއަރ އެޓް އަލް. 2000)، ކާނާ ލިބޭ މިންވަރާއި (ނަވައްރޯ އެޓް އަލް 2013، 2014)، ފިނިހޫނުމިނަށް އަންނަ ބަދަލުތަކާއި، އަދި ހުއިފިލަނޑާ ޝިކާރަކުރާ އެހެން ދިރޭ ތަކެތި އުޅޭ މިންވަރަކީ (ބަރކްލެންޑް 1989) އެކަންކަމަށް އަސަރުކުރުވާ ބައެއް ކަންކަމެވެ. ގިނަ ހުއިފިލަނޑާ ކައިއުޅެނީ ކަނޑު އަޑީގެ ފަސްގަނޑުގެ ތެރޭގައި (ސަބްސްޓްރޭޓަމްގައި) ހުންނަ ކާނާއެވެ. އެހެންނަމަވެސް، ހުއިފިލަނޑާގެ ލޮނުގަނޑުގެ ތެރޭގައި އޮޔާއެކު ދަތުރުކުރާ ކުދި ސޫފި ވެސް ކާނާގެ ގޮތުގައި ބޭނުން ކުރެވެއެވެ (ފެންކްބޮނަރ 1978).

ހުއިފިލަނޑާއަކީ އާންމުގޮތެއްގައި އެއްތަނެއްގައި މަޑުމަޑުން އޮންނަ، ހެލިފެލިވެނޫޅޭ އެއްޗެއްކަމަށް ގިނަ ބަޔަކަށް ހީވެފައި ވީނަމަވެސް، ވެށީގެ ހާލަތަށް އަންނަ ބަދަލެއްގެ ސަބަބުން މިބާވަތްތައް ދަތުރުކުރާކަން ވަނީ ހޯދިފައެވެ (ޔަންގް އެންޑް ޗިއާ 1982). މިގޮތުން، ހުއިފިލަނޑާގެ އާބާދީ ބެހިފައިވާ ގޮތް ކަނޑުގެ އޮއިވަރު ދައުރުވާ ގޮތާ ގުޅުމެއްވާކަމަށް ހޯދުންތަކުން ދައްކައެވެ (ފެންކްބޮނަރ 1978). އަދި ފަސްގަނޑުން ކާނާ ހޯދާ ބާވަތްތަކުގެ ހުއިފިލަނޑާ ގިނައިން ޖަމާވަނީ އެފަދަ ކާނާ މުއްސަނދި ހިސާބުތަކަށްކަންވެސް އެފަދަ ހޯދުންތަކުން ދައްކައެވެ (ނަވައްރޯ އެޓް އަލް. 2013).

މާޙައުލުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކާއި، މާޙައުލުގައި އަލި ހުންނަ މިންވަރުގެ ސަބަބުންވެސް ހުއިފިލަނޑާގެ ބައެއް ބާވަތްތަކުގެ ހަރަކާތްތަކަށް އަސަރުކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތުން، އިރުއަރާ ވަގުތު ކުދި ހުއިފިލަނޑާ ފަސްގަނޑުގެ ތެރެއަށް ވަދެ، އިރުއޮއްސެން ކައިރިވީމާ ނުކުމެ އުޅޭކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ތަންކޮޅެއް ބޮޑެތި ހުއިފިލަނޑާ، މާޙައުލު ފިނިވާން ފެށުމުން ފަސްގަނޑަށް ވަދެ، މެންދުރުގެ ވަގުތުގައި ނުކުމެ އުޅޭކަން ވެސް ފާހަގަކުރެވިފައިވެއެވެ (މަރސިއަރ އެޓް އަލް. 1999).

މަސްދަރު: ދިވެހިރާއްޖޭގެ ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!