މަސްވެރިކަމާއި ގުޅޭ

ފުޅަށްހިކާ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގައި ވަރަށް ގިނައިން އުޅޭމަހެކެވެ.

މިބާވަތުގެ މަހަށް ދިވެހިން ކުދިފަން ފުޅަށްލަނޑާ ކިޔާއުޅެއެވެ. ނަމަވެސް މިއީ އެމަހާއި މުޅިން ތަފާތު، އެއަށްވުރެ މާކުޑަ ސައިޒެއްގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 36 ސެންޓިމީޓަރަށެވެ. މިއީ ފުޅާ ހަށިގަޑެއް ލިބިފައިވާ ހިކައެކެވެ. މަހުގެ އަނގައިގެ ދެތަލީގެ މެދުގައި ހުންނަ ދެދަތް ކޮޅަށް އޮވެފައި ބޮޑުވާނެއެވެ. މިބާވަތުގެ ޅަމަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. ބޮޑެތިވުމުން ހުންނަނީ ކުޑަކޮށް ކަފިކޮށެވެ. މިއީ އެކަހެރިކޮށް ތިލަހިސާބުތަކުގައި ޢާއްމުކޮށް އުޅޭމަހެކެވެ.

މިބާވަތުގެ މަސް ފަރުތަކުގެ ބޭރުން 30 މީޓަރުގެ ފެނުންވެސް ފެނިފައިވެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 10 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ މުށިކުލައެކެވެ. މަހުގައި ހުރަހަށް ހުންނަ ކަޅުކުލައިގެ ފުޅާ ރޮނގުތަކެއް ހުރެއެވެ. ކޮތަރިތަކުގައި ރަތްކުލައިގެ ލައްތަކެއް ހުރެއެވެ. މޭދަށް ހުންނަނީ ރަތްކުލައިގައެވެ. ލޮލުގެ ވަށައިގެން ކުރެހުމެއް ހުރެއެވެ. ހުޅުނބުތައް ބޮޑުވެފައި އޭގޭ ކައިރިފަށް ހުންނަނީ ކަޅުކުލައިގައެވެ.

މިމަހަށް ކިޔާ ވަކި ޚާއްޞަނަމެއް އަޅުގަނޑުމެންގެ ތެރޭގައި ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހަށް އޮޅުމަކުން އަޅުގަނޑުމެންގެ ތެރޭގައި ބައެއް މީހުން ކިޔާއުޅޭނަމާއިވެސް ގުޅުމެއް ބަހައްޓައިގެން އަސްލަށްވިސްނާ "ފުޅަށްހިކާ” ކިޔާ ނަންދީފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Scarlet-breasted moari wrasse

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!