ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ރާއްޖޭގައި ކެންނެލީގެ މަސްވެރިކަން ނެތި ހިނގައިދާނެ ކަމުގެ ބިރު މިހާރު އެބައޮތް: ބީކޭއެމްޔޫ

ރާއްޖޭގައި ކެންނެލީގެ މަސްވެރިކަން ނެތި ހިނގައިދާނެ ކަމުގެ ބިރު މިހާރު އެބައޮތް ކަމަށް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއިން ހާމަކޮށްފިއެވެ.

މަސްވެރިން އެމްވީ އާއި ވާހަކަދައްކަވަމުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން، ބީކޭއެމްޔޫގެ ރައީސް ހުސެއިން ނަޝީދު ވިދާޅުވީ ކަންނެލީގެ މަސްވެރިކަމުގެ ދާއިރާ ރާއްޖޭގައި ކުރިއެރުވުމަށް ސަރުކާރުން މުޙިއްމު ދައުރެއް އަދާކުރެވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ކަންނެލީގެ މަސްވެރިންނަށް މިހާރު ދިމާވާ އެންމެ ބޮޑު ދައްޗަކީ ކަންނެލި މަހަށް ހަމައަގު ހޯދުން ކަމަށެވެ. އެގޮތުން މިހާރު ކަންނެލިމަހުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި މިއާ އެކު މި މަސްވެރިކަން ކުރާ ފަރާތްތަކަށް ލިބެމުން އައި އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި މިކަމަށް ހައްލެއް ލިބެން އޮތީ މިފްކޯއިން ކަންނެލި މަސް ގަންނަން ފަށައިގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

" ކަންނެލި މަސް އެބަޖެހޭ މިފްކޯއިން ގަންނަން ފަށަން، އޭރުން އަގަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކުރެވޭ، ބޮޑު ކަންނެލީގެ ކަންތައްތައް ޕްރައިވެޓް ކުންފުނިތަކަށް ދޫކޮށްލަންޖެހޭނީ ސަރުކާރުން މި ސިނާއަތް ކޮޅަށް ޖެހުމަށް ފަހު،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކަންނެލީގެ މަސްވެރިކަން ކުރިން ކުރަމުން އައި ވަރަށް ގިނަ ދޯނިފަހަރުތަށް މިހާރު ދޮށީގެ މަސްވެރިކަމަށް ބަދަލުވެފައިވާ ކަމަށެވެ. ސަބަބަކީވެސް މި މަސްވެރިކަމުން ލިބޭ އާމްދަނީ ދަށްވުމެވެ.

މިކަމާއި ގުޅޭގޮތުން ބީކޭއެމްޔޫއިން ވަނީ ސަރުކާރުގެ ކަމާއި ގުޅުން ހުރި ފަރާތްތަކާއިވެސް ދަނީ ވާހަކަދެކެވެމުންނެވެ. އެހެން ނަމަވެސް އަދި އަލިމަގެއް ނުފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އުފެއްދުމާއިއެކު، އެ ޖަމިއްޔާއިން އަންނަނީ ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއްކޮށް، އެ މަސްވެރިންގެ ހައްގުގައި ކެނޑިނޭޅި ވަކާލާތު ކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!