ކުރީގެ ފިޝަރީޒް މިސްޓަރު ޒަހާ ވަހީދު/ ފޮޓޯ: ޕީއެސްއެމް ނިއުސް
ކުރީގެ ފިޝަރީޒް މިސްޓަރު ޒަހާ ވަހީދު/ ފޮޓޯ: ޕީއެސްއެމް ނިއުސް

އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައިގެން އުޅެނީ މި ސިނާއަތަށް ކޮށްދޭންޖެހޭ ޚިދުމަތްތަކެއް ނުކޮށްދެވިގެން ނޫން: ޒަހާ

އިދިކޮޅު ފަރާތްތަކުން އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައިގެން އުޅެނީ މި ސިނާއަތަށް ކޮށްދޭންޖެހޭ ޚިދުމަތްތަކެއް ނުކޮށްދެވިގެން ނޫންކަމަށް މިނިސްޓަރު ޒަހާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ މިވަގުތަކީ އިންތިޚާބަށް ކުރިމަތިވެފައިވާ ދަނޑިވަޅުކަމަށާއި އަދި މިއީ ސިޔާސީ ގޮތުން ގައުމު ހަލަބޮލި ދުވަސްވަރެއްކަމަށެވެ. ވޯޓު ހޯދުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި މަސްވެރިންނަކީވެސް އެކި ސަރުކާރުތަކުން ކަންތައްތައް ކޮށްދޭނަމޭ ކިޔައިގެން ވޯޓުއަޅާ ބައެއްކަމުގައި ބައެއް ފަރާތްތަކުން ދެކުނު ކަމުގައި ވިޔަސް، މި ސަރުކާރު އައިފަހުން މަސްވެރިކަމުގެ މުޅި މަސްރަހަށް ވަރަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާކަމަށް ޒަހާ ވިދާޅުވިއެވެ.

އެގޮތުން މަސްގަތުމުގެ ވިޔަފާރިއަށް އޮތް ހުރަސްތައް ނައްތާލުމާއި، ވާދަވެރި މާހައުލެއްގައު މަސްގަނެވޭ ސިޔާސަތުތަކެއް ތަންފީޒުކުރެވުމާއި، މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓަރުން ހޯދުމަށް އިއުލާނުކުރެވުގެން ދިއުމާއި، މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެހުމާއި، މަސްވެރިންނަށް އައިސް ލިބުމަށް ހުރި ގޮންޖެހުންތައް ހައްލުމުކުރުމަށް މިއަހަރު 13 އައިސްޕްލާންޓް އެޅިގެންދާނެކަމަށް ޒަހާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް 6 ދޯނީގައި މަސް ފިނިކުރާ ނިޒާމް ގާއިމު ކުރެވުފައިވާނެކަމަށާއި އަދި އިތުރު 50 ދޯނީގައި ފިނިކުރާ ނިޒާމް ހަރުކުކުރުމަށް ސައުދީ ފަންޑުން ފައިސާ ހަމަޖެހިފައިވާކަމަށް ޒަހާ ވިދާޅުވިއެވެ. ހަމައެއާއެކު މަސްކިރުމުގެ ދަތިތަކަށް ހައްލު ހޯދުމަށް ފެލިވަރުގެ މަޝްރޫއުގެ މަސައްކަތް ފެށުމުގެ ގޮތުން ފެލިވަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ޒަހާ ވިދާޅުވިއެވެ. ޒަހާ އިތުރަށް ވިދާޅުވީ، މި ފަސް އަހަރު ނިމެން ވާއިރަށް ކޫއްޑޫއާއި އަދި އެހެނިހެން ތަންތަނުންވެސް ޚިދުމަތް ލިބޭނެކަމަށެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ ނުވަ މެންބަރުންގެ އިތުރުން ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގައި ސޮއިކުރައްވާފައިވަނީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޒަހާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސްއެއް އެކަމަނާއަށް ރައްޔިތުންގެ މަޖިލީހުންވަނީ ފޮނުވާފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!