Noo Raajje

ރާއްޖޭގެ ކަނޑުތަކާއި ފަރުތަށް ދިރާސާ ކުރުމަށް ނޫ ރާއްޖޭގެ ދެވަނަ ސައިންޓިފިކް އެކްސްޕެޑިޝަން ދަތުރު ފަށައިފި

ދިވެހިރާއްޖޭގެ ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ހިންގާ "ނޫ ރާއްޖެ" ޕްރޮގްރާމްއިން ރާއްޖޭގެ ކަނޑުތަކާއި ފަރުތަށް ދެނެގަތުމަށް ބާއްވާ ދެވަނަ ސައިންޓިފިކް އެކްސްޕެޑިޝަން ފަށައިފިއެވެ.

އެމެރިކާގެ ރިސާޗަރުންނާއި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ސައިންވެރިން ހިމެނޭ ޓީމުން ކުރާ 22 ދުވަހުގެ ދަތުރުގައި ފުރުތަމަ މާލެ އަތޮޅުގެ އުތުރާއި ދެކުނުގައި ހޭދަކުރުމަށްފަހު ދެން ދަތުރު ކުރާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ. މި އެކްސްޕެޑިޝަންގައި ހުވަދޫ އަތޮޅު، ފުވައްމުލަށް، އައްޑޫ އަދި މާލެ އަތޮޅުގެ ފަރުތަކުގެ ހާލަތު ދިރާސާކުރުމުގެ އިތުރުން ކަނޑުގައި އުޅޭ ދިރުންތަކުގެ އަބާދީ އަންދާޒާކުރުމަށް ސާވޭ ކުރަންވަނީ ހަމަޖެހިފައެވެ. އެގޮތުން ފުޅި އަޅައިގެން ފީނައިގެން ފަރުގައި އުޅޭ ދިރުންތަކުގެ ވެށި ދިރާސާކޮށް، ރިމޯޓް ކެމެރާ ބޭނުންކޮށްގެން މިޔަރު އަދި ކަހަނބުފަދަ ބޮޑެތި ދިރުންތަކުގެ މައުލޫމާތުވެސް އެއްކުރެވޭނެއެވެ. މި އެކްސްޕެޑިޝަން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަފާރީ ބޯޓެއްކަމަށްވާ ކާޕޭ ނޯވޯ ގައެވެ.

ނޫ ރާއްޖެ ޕްރޮގްރާމްއިން ޖަނަވަރީ 2020 ގައި ދިޔަ ފުރުތަމަ އެކްސްޕެޑިޝަންގައި އުތުރު އަދި މެދުރާއްޖޭގެ 16 އަތޮޅެއް ވަނީ ސާވޭކުރެވިފައެވެ. އެ އެކްސްޕެޑިޝަންގެ ދިރާސާގެ ނަތީޖާ ހިމެނޭ ރިޕޯރޓް މި އޭޕްރިލް މަހު އާއްމުކުރެވިގެންދާނެއެވެ. މިދެ އެކްސްޕެޑިޝަންގެ ދިރާސާ ވެގެންދާނީ ރާއްޖޭގެ އަތޮޅުތަކުތެރޭގައި ފުޅާދާއިރާއެއްގައި މިގޮތަށްކުރެވޭ ފުރުތަމަ ކަނޑުގެ ދިރާސާއަށެވެ.

މި އެކްސްޕެޑިޝަނުން އެއްކުރެވޭ މައުލޫމާތު ދެމެހެއްޓެނިވި މަސްވެރިކަންކުރިއެރުވުމަށާއި، މަސްވެރިކަމުން އާމްދަނީ އިތުކުރުމަށާއި، ރާއްޖޭގެ ކަނޑުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތައް ހެދުމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ. މީގެ މައުލޫމާތުގެ އަލީގައި ސަރުކާރު އަދި ނޫ ރާއްޖޭގެ މެރިން ސްޕެޝަލް ޕްލޭނިންގައާއި، ދެމެހެއްޓެނެވި ފަތުރުވެރިކަންކުރިއެރުވުމުގެ މަސައްކަތުގެ ހަރަކާތްތަށްވެސް ބައްޓަން ކުރެވިގެންދާނެއެވެ.

ނޫ ރާއްޖެއަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ އިސްނެގުމުގެ ދަށުން ރާއްޖޭގެ ކަނޑުތަށް ހިމާޔަތްކޮށް ކަނޑުގެ ރޯދިން ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖްތިމާއީ ފަހި ކުރިމަގެއް ބިނާކުރުމުގެ މަގްސަދުގައި ހިންގާ ފަސް އަހަރުގެ ޕްރޮގްރާމްއެކެވެ. ރާއްޖޭގައި މި ޕްރޮގްރާމްގެ އިސް ރޯލެއް އަދާ ކުރަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މެރިން ރިސާޗް އިންސްޓިޓިއުޓް އިންނެވެ. ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ މެމްބަރުންގެތެރޭގަ ހިމެނެނީ ވެއިޓް އިންސްޓިޓިއުޓާއި، ނޭޝަނަލް ޖިއޮގްރޭފިކް ޕްރިސްޓިން ސީސްއާއި، ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝެނޯގްރަފީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!