މަރާމާތަށްފަހު އަސްދާނު ދޯނި މަހަށް ފުރަނީ/ ފޮޓޯ: އަހުމަދު ރަސްނާނު
މަރާމާތަށްފަހު އަސްދާނު ދޯނި މަހަށް ފުރަނީ/ ފޮޓޯ: އަހުމަދު ރަސްނާނު

ތ. ވަންދޫ އަސްދާނު ދޯނީގެ 18 މަސްވެރިން ކަރަންޓީން ކޮށްފި

26 ފެބްރުއަރީ 2021 ގެ ފަހުން ދ. ކުޑަހުވަދޫއަށް ދިޔަ ފަރާތްތައް ކަރަންޓީން ވާން އެޗްޕީއޭއިން އަންގާފައިވާތީ ތ. ވަންދޫ "އަސްދާނު" ދޯނީގެ 18 މަސްވެރިން ކަރަންޓީން ކޮށްފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތު ދެމުން އަސްދާނު ދޯނީގެ ކެޔޮޅު އިބްރާހިމް ނާފިޒް ބުނީ އެދޯނި އަައިސް އަޅަންވެގެން ކުޑަހުވަދޫއަށް ދިޔައީ މިމަހުގެ ކުރީކޮޅު ކަމަށާއި މިހާރު އޭގެ ފަހުން 2 ހަފްތާ ވެދާނެކަމަށެވެ. މަސްވެރިކަމުގައި އެކި ސަރަހައްދުތަކުގައި އުޅުމަށްފަހު ރަށަށް ދިޔައީ މީގެ 4 ވަރަކަށް ދުވަސް ކުރިން ކަމަށް ނާފިޒް ބުންޏެވެ. އެ ދޯނީގެ 18 ފަޅުވެރިން ކަރަންޓީން ކުރީ ރަށަށް ދިޔަތާ 3 ދުވަސް ފަހުން ކަމަށާއި ކަރަންޓީންގެ މުއްދަތު ގުނަނީ ރަށަށް ދިޔަ ދުވަހުން ފެށިގެން ކަމަށް ހެލްތު ސެންޓަރުން އަންގާފައިވާކަމަށް ކެޔޮޅު ބުންޏެވެ.

"ދޯނީގެ 5 މީހުން ފިޔަވާ އެންމެން މިތިބީ ކަރަންޓީން ކޮށްފަ. ކުޑަހުވަދޫއަށް ފޭބީ އައިސް އަޅަން. އެރަށުން މީހަކާ ބައްދަލުވެސް ނުވޭ. އޭގެފަހުންވެސް ދޯނީގެ އެންމެން އެކީގަ މަސްވެރިކަމުގަ އުޅެވަ ރަށަށް އައިސް 3 ދުވަސްވީ ފަހުން މި އަންގަނީ ކަރަންޓީން ކަމަށް. އޭރު މިއޮތީ ކަރަންޓީން ކުރި އެންމެން ރަށުގެ ގިނަ މީހުންނާ ބައްދަލުވެސްވެފަ. ކުޑަހުވަދޫއަށް ދިޔަތާ މިހާރު 2 ހަފްތާ ވެއްޖެ. އެކަމަކު މިރަށު ހެލްތު ސެންޓަރުން ދުވަސް ގުނަނީ ރަށަށް އައި ދުވަހުން ފެށިގެން. އެއްވެސް މީހެއްގެ ފަރާތުން ރޯގާގެ އަލާމާތެއް ފެންނަނީކީނޫން. މިއީ ވަރަށް ދެކޮޅު ނުޖެހޭ އުސޫލެެއް." ކެޔޮޅު ބުންޏެވެ.

މިކަމާ ގުޅޭގޮތުން ވަންދޫ ހެލްތު ސެންޓަރުން ބުނީ މިހާރު ކަރަންޓީންގައި ތިބި މީހުންނަކީ، 26 ފެބްރުއަރީގެ ފަހުން ކުޑަހުވަދޫއަށް ދަތުރު ކުރި މީހުންގެ މަޢުލޫމާތު ހޯދުމަށް ހެލްތު ސެންޓަރުން އިއުލާން ކުރުމުން އެރަށަށް ދިޔަކަމަށް އަމިއްލައަށް އެއްބަސްވެ އަމިއްލައަށް ކަރަންޓީން ވީ މީހުންކަމަށެވެ.

އަސްދާނު ދޯންޏަކީ މަސްވެރިކަމަށް މަޝްހޫރު ދޯންޏެވެ. ފާއިތުވި ހަފްތާގައިވެސް އެދޯނިން ވަނީ ގިނަ އަދަދަކަށް މަސް ބާނާފައެވެ.

ދ. ކުޑަހުވަދޫއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 26 ފެބްރުއަރީ 2021 ގެ ފަހުން ދ.ކުޑަހުވަދޫގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މިތާރީޚްގެ ފަހުން ދ. ކުޑަހުވަދޫއަށް ގޮސްފައިވާ ފަރާތެއްވާނަމަ، ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެޗްޕީއޭގެ ބައެއް ނިންމުންތަކާމެދު އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ވަކިބަޔަކަށް ފައިދާވާގޮތަށް ބައެެއް ނިންމުންތައް ނިންމާކަމުގެ ތުހުމަތުވެސް އެޗްޕީއޭއަށް އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!