މަލިކު ކައިރިން، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތިޔާރާއެކު ސްރީލަންކާގެ 3 ބޯޓު ހިފަހައްޓައިފިއެވެ.
މި ބޯޓުތައް ހިފެހެއްޓީ އިންޑިއާގެ ކޯސްޓްގާޑުންނެވެ. މި ބޯޓުތަކުން 300 ކިލޯގެ ހެރޮއިން އާއި އެކޭ-47ގެ 5 ރައިފަލްގެ އިތުރުން 1000 ލައިވް ވަޒަން ފެނިފައި ވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ. މި ބޯޓުތައް ހިފަހައްޓާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
ދާދި ފަހުން ވެސް މަލިކު ކައިރިންހިފެހެއްޓި 3 ބޯޓުން މަސްތުވާތަކެތި ފެނިފައި ވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެ ބޯޓުތަކުން ވަނީ ޖުމްލަ 260 ކިލޯގެ މަސްތުވާތަކެތި އަތުލައި، 6 މީހަކު ހައްޔަރު ކޮށްފައެވެ.
މަސްތުވާތަކެއްޗާއެކު ދަތުރު ކުރާ މަސް ބޯޓުތައް ރާއްޖެ ސަރަހައްދުން ވެސް ވަރަށް ގިނައިން ފެނެއެވެ. މިފަދަ ބޯޓުތައް ރާއްޖޭގެ ކޯސްޓްގާރޑުން ހިފަހައްޓާފައިވެސް އެބަހުއްޓެވެ. މިދިޔަ ހަފްތާގައި ގޮތް ނޭންގޭ ބޯޓެއް ކޮލަމާފުއްޓާ ދިމާބޭރުން ފެނިގެން މަސް ދޯންޏަކުން ވަނީ އެ ދޯނި ހުއްޓުމުގެ މަސައްލަތް ކޮށްފައެވެ. ނަމަވެސް ދޯނި ކައިރު ކުރުމާއެކު އެ ބޯޓުން ވަނީ ބޭރަށް ދުއްވާލާފައެވެ. އަދި ބޭރަށް ދުއްވަމުން "ބަސްދާ" ތަކެއް ކަނޑަށް އުކި ކަމަށް މަސްދޯނިން ވަނީ ބުނެފައެވެ. އެބޯޓުން އުކާލީ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭކަމަށް މަސްދޯނިން ވަނީ ބުނެފައެވެ.