މަރާމާތަށްފަހު އަސްދާނު ދޯނި މަހަށް ފުރަނީ/ ފޮޓޯ: އަހުމަދު ރަސްނާނު
މަރާމާތަށްފަހު އަސްދާނު ދޯނި މަހަށް ފުރަނީ/ ފޮޓޯ: އަހުމަދު ރަސްނާނު

ސާމްޕަލް ނެގެޓިވް ވުމުން ވަންދޫ އަސްދާނު ދޯނީގެ މަސްވެރިން ކަރަންޓީނުން ދޫކޮށްލައިފި

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނެގި ސާމްޕަލްތައް ނެގެޓިވް ވުމުން ވަންދޫ އަސްދާނު ދޯނީގެ މަސްވެރިން ކަރަންޓީނުން ދޫކޮށްލައިފިއެވެ.

26 ފެބްރުއަރީ 2021 ގެ ފަހުން ދ. ކުޑަހުވަދޫއަށް ދިޔަ ފަރާތްތައް ކަރަންޓީން ވާން އެޗްޕީއޭއިން އަންގާފައިވާތީ “އަސްދާނު” ދޯނީގެ 14 މަސްވެރިންނާއި އެ ދޯނި ކުޑަހުވަދޫގައި އޮއްވާ އެދޯނި ކައިރިއަށް ވަންދޫން ކުޑަހުވަދޫއަށް ދިޔަ 3 މީހުންނާއެކު ޖުމްލަ 18 މީހުން ވަންދޫން ކަރަންޓީން ކުރިއެވެ.

ކަރަންޓީން ކުރި 18 މީހުންގެ ނަތީޖާ ނެގެޓިވް ވުމުން މިހާރު ވަނީ އެންމެން ކަރަންޓީނުން ދޫކޮށްލާފައެވެ. ކުޑަހުވަދޫގައި އައިސް ލިބުމުގެ އިންތިޒާމް ފަސޭހައިން ހަމަޖެހިފައިވާތީ އެރަށަށް ގިނަ އަދަދަކަށް މަސްވެރިން ދެއެވެ. އަސްދާނު ދޯނީގެ މަސްވެރިންގެ އިތުރުން އެހެން ބައެއް ދޯނިފަހަރުގެ މަސްވެރިންވެސް އެރަށަށް ދިއުމުގެ ސަބަބުން ކަރަންޓީން ކުރިއެވެ.

ކުޑަހުވަދޫން އެންމެ ފުރަތަމަ ޕޮޒިޓިވް ވީ އެރަށު އެއަރޕޯޓްގައި މަސައްކަތް ކުރާ 6 މުވައްޒަފުންނެވެ. އޭގެ ފަހުން އެރަށުން ނެގި ރޭންޑަމް ސާމްޕަލް ތަކެއް ޕޮޒިޓިވްވެ އެރަށުން މިހާތަނަށް 19 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ދ. ކުޑަހުވަދޫއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 26 ފެބްރުއަރީ 2021 ގެ ފަހުން ދ.ކުޑަހުވަދޫގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މިތާރީޚްގެ ފަހުން ދ. ކުޑަހުވަދޫއަށް ގޮސްފައިވާ ފަރާތެއްވާނަމަ، ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!