ބީ.ކޭ.އެމް.ޔޫ ގެ ފަރާތުން އެމް.އެން.ޑީ.އެފް ކޯސްޓް ގާރޑް އާއި އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން، ބީ.ކޭ.އެމް.ޔޫއިން ކޯސްޓް ގާރޑާއި އެކު ބޭއްވި މި ބައްދަލުވުމުގައި ވަނީ މަސްވެރިކަމާއި ގުޅުންހުރި ތަފާތު އެކި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
އެގޮތުން މި ބައްދަލުވުމުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ޙިމާޔަތްކުރުމާއި ނަހަމަގޮތުގައި ކަނޑުގެ ސަރަޙައްދު ބޭނުންކުރިޔަނުދިނުމަށް މަޝްވަރާކުރެވުނު ކަމަށާއި މަސްވެރިންނާއި ގުޅިގެންއެކުގައި މަސައްކަތްކުރުމަށްވެސް މަޝްވަރާކުރެވުނު ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވާއިދާ ޚިލާފަށް ވަންނަ ބޯޓުގެ ފަހަރުގެ މަޢުލޫމާތު ސިފައިންނާ އެންމެ ގިނައިން ޚިއްޞާކުރަނީ ކަންނެލި ދޯނިފަހަރުންނެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން، ބީ.ކޭ.އެމް.ޔޫ އިފްތާހުކޮށްފައިވަނީ މިދިޔަ މަސްވެރިންގެ ދުވަހުއެވެ. ބީ.ކޭ.އެމް.ޔޫއިން ދަނީ ކަންނެލީގެ މަސްވެރިކަން ރާއްޖޭގައި ކުރިއަރުވައި، ކަންނެލި ބާނާ ފަރާތްތަކަށް ހަމަ އަގު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ޖަމިއްޔާ އިފްތިތާހް ކުރިފަހުން މިވީ ކުރު މުއްދަތުގެ ތެރޭގައި އެ ޖަމިއްޔާއިން ވަނީ ސަރުކާރުގެ އެކި ވުޒާރާތަކާއި އެކު ބައްދަލުވުންތައް ބާއްވާފައެވެ.