މިޔަރު މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ފުލުހުން އަތުލައިގަނެފިއެވެ.
ފުލުހުން ވިދާޅުވީ އދ. މާންދޫ ކައިރީގައި ބަޔަކު މިޔަރު މަސްވެރިކަން ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 11:30 އެހާކަންހާއިރު ކަމަށެވެ. އަދި މި މައުލޫމާތު ލިބުމާއި އެކު އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ޓީމެއް އެ ދޯނި ހޯދުމަށް ނުކުތްކަމަށެވެ. އަދި ދޯނި ހޯދަމުން ދަނިކޮށް ފެނިފައިވަނީ މާވަރު ފަޅު ކައިރިންނެވެ. އޭރު ދޯނީގައި 4 ފަޅުވެރިން ތިބި ކަމަށާއި އެމީހުން ދިޔައީ މިޔަރު މަސްވެރިކަން ކުރަމުންކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން އެ ދޯނީ ބަލާފާސްކުރިއިރު ދޯނީގެ ތެރެއިން މިޔަރާއި މިޔަރުގެ އުރަހައާއި ލޮނު އަޅާފައިވާ މިޔަރު މަސް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލަ ބަލަމުން އަންނަކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ރާއްޖޭގައި މިޔަރަކީ ހިމާޔަތްކޮށްފައިވާ ބާވަތަކަށްވުމުން މިޔަރު ހިފުމާއި، މިޔަރުގެ އެއްވެސް ބާވަތެއް އެކްސްޕޯޓް ކުރުމަކީ މަނާ ކަމެކެވެ.


