މިނިސްޓަރ ޒަހާ، އިޤްތިސާދީ ކޮމެޓީގައި ވާހަކަދައްކަވަނީ
މިނިސްޓަރ ޒަހާ، އިޤްތިސާދީ ކޮމެޓީގައި ވާހަކަދައްކަވަނީ

މިޔަރުގެ މަސްވެރިކަންކުރުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރަނީ

މާކަނޑުން މިޔަރުގެ މަސްވެރިކަންކުރުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖްލީޙުގެ އިޤްތިސާދީ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިޔަރުގެ މަސްވެރިކަމަކީވެސް ރާއްޖޭގެ އިޤްތިސާދަށް ފައިދާ ކުރާނެ މަސްވެރިކަމަކަށްވާތީ އެކަމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށެވެ.

" ފިޝަރީޒް މިނިސްޓްރީއަކީ އިޤްތިސާދު ކުރިއެރުވުމަށްޓަކައި އޮތް މިނިސްޓްރީއެއް، ޤާނޫނުން ފަރުމާކޮށްދެނީ ކޮންމެ މަސްވެރިކަމެއްވެސް ބެލެހެއްޓިގެން، މެނޭޖް ފިޝަރީއެއްގެ ގޮތުގައި ކުރުމަށް މަގުފަހިކުރަން، އެހެންވީމާ މާކަނޑުން މިޔަރުގެ މަސްވެރިކަން ކުރުމަށްޓަކައިވެސް، މަޝްވަރާކުރެވެމުންދަނީ، ހުޅުވާލާނީ ކޮން ގޮތަކަށްތޯ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ދުނިޔޭގައި މިޔަރު ހިމާޔަތްކޮށްފައިވަނީ ވަރަށް މަދު ޤައުމެއްގައި ކަމަށެވެ. ރާއްޖެއިން މި މަސްވެރިކަމަށް ހުޅުވާލާނީ މެނޭޖް ފިޝަރީޒްއެއްގެ ގޮތުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އިޤްތިސާދީ މަންފާއެއް ލިބޭ އެއްޗެއް އަޅުގަނޑުމެން އެކަނި ހުދޫދެއްގެ ތެރޭގައި ތިބޭކަށް ނުޖެހޭ، ދެން މެނޭޖް ފިޝަރީއެކޭ މިބުނަނީ، ވަކި މުއްދަތަކަށް ހުޅުވާލާފައި، އާބާދީއަށް ގެއްލުން ނުވާގޮތަށް އޭގެ މަންފާވެސް އަޅުގަނޑުމެންވެސް ހޯދަންޖެހޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިޔަރު ގިނަވެގެން އެކަމުގެ ޝަކުވާ ލިބެމުންދާ އިރު، މިޔަރަކީ އެހެން މަސްތަކަށް ޝިކާރަކުރާ އެހެން ނަމަވެސް އެޔަށް ޝިކާރަކުރާ ކަނޑުގެ އެހެން ދިރުމެއް ނުވާ އެއްޗެއްކަމަށެވެ. މިއީވެސް ވިސްނަން ޖެހޭ ކަމެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!