މިޔަރު މަހާއި އުރަހަ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ކަޅުބާޒާރެއް ރާއްޖޭގައި މިހާރު ހިންގަމުންދޭ- ފިޝަރީޒް މިނިސްޓްރީ

7AA4B285-A79B-4236-A0C5-BABE7243CAE9

 

ގަވާއިދާ ޚިލާފަށް މިޔަރުގެ މަސްވެރިކަން ކުރުމާއި، މިޔަރު މަހާއި އުރަހަ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ކަޅުބާޒާރެއް ރާއްޖޭގައި މިހާރު ހިނގަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ކަޅުބާޒާރެއްގެ ތެރެއިން މިޔަރުގެ ބާވަތްތައް ގަނެ އެކްސްޕޯޓްކުރަމުންދާކަމުގެ މަޢުލޫމާތުވެސް މިނިސްޓްރީއަށް ލިބިފައިވާކަމަށާއި، މިމައްސަލައިގައި ކަމާގުޅޭ ދަޢުލަތުގެ އެކި އިދާރާތަކުގެ މެދުގައި މަޝްވަރާކުރެވި ވަގަށްކުރާ މިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް ވާނީ އަޅާފައި ކަމަށެވެ.

މިގޮތުން، މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭ މަރުހަލާގައި ވަކި ބާވަތްތަކެއް އެކްސްޕޯޓްގެ ހުރިހާ ފޮށިތަކެއް ބަލައި ފާސްކުރުމާއި، އަދި މިޔަރު މަސްވެރިކަން ކުރާ ކަމަށް ބެލެވިފައިވާ ސަރަޙައްދުތަކަށް އަމާޒުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އަދި ކޯސްޓްގާޑްގެ ފަރާތުން އެސަރަޙައްދުތަކުގެ ޕެޓްރޯލްތައް ވަނީ ވަރުގަދު ކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

އަދި މިޔަރުގެ މަސްވެރިކަން ކުރާކަމުގެ ރިޕޯޓް ލިބޭ ރަށްރަށަށް އަދި ސަރަހައްދުތަކުގެ މަޢުލޫމާތު ކަމާގުޅޭ އިދާރާތަކާ ޙިއްޞާކުރުމާއި، އެފަދައިން ހިފެހެއްޓޭ އުޅަނދުފަހަރާއި ފަރާތްތަކުގެ މައްސަލަތައް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ތަޙުޤީޤުކުރުމަށް މިނިސްޓްރީގެ ފަރާތުން މިހާރުވާނީ އިންތިޒާމުތައް ހަމަޖައްސާފައެވެ.

މިގޮތުން ކުރެވުނު މަސައްކަތްތަކުން ތެރެއިން، ވޭތުވެ ދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މިޔަރު އުރަހައިގެ ޝިޕްމަންޓެއް އެކްސްޕޯޓްކުރުމުގެ މަރުހަލާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެންވަނީ ހިފަހައްޓާފައިވެއެވެ.

އަދި އެމައްސަލަ ތަޙްޤީޤްކޮށް ނިމި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން އަދި މިނިސްޓްރީގެ ފަރާތުން ފިޔަވަޅު އެޅުމުގެ މަރުހަލާ މިދަނީ ފުރިހަމަކުރަމުންނެވެ. މީގެ އިތުރުން، މިމަހުގެ 22ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އދ. އަތޮޅުން މިޔަރު މަސްވެރިކަން ކުރާ އުޅަނދެއް ގިނަ ޢަދަދެއްގެ މިޔަރާއެކު ވަނީ އަތުލައިގަނެފައެވެ. އަދި މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަވިސްއިން މިހާރު ދަނީ ތަޙްޤީޤްކުރަމުންނެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު 2 ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތާއި ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާޢަތަށް ނުހަނު މުހިއްމު ބާވަތެއްކަމުގައިވާ މިޔަރުގެ މަސްވެރިކަން 2010 މަނާކުރެވުނީ މިޔަރުގެ އާބާދީ ހީނަރުވެ އެކަމުގެ ސަބަބުން ރާއްޖެއިން ފެންނަ މިޔަރުގެ ޢަދަދު މަދުވެފައިވާކަމަށް އެދުވަސްވަރު ކުރެވުނު ދިރާސާތަކުން ދެއްކުމާއި ގުޅިގެންނެވެ.

އަދި މިޔަރު މަސްވެރިކަން ކުރުމުގެ އިތުރުން މިޔަރު ޕްރޮސެސްކުރުން އަދި އެކްސްޕޯޓްކުރުމަކީ މަނާ ކަންތައްތަކެއްގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަލަށް އެކުލަވާލެވުނު މަސްވެރިކަމުގެ ޤާނޫނު ފުރިހަމައަށް ތަންފީޒުކުރުމަކީ މިމިނިސްޓްރީގެ އަމާޒެއް ކަމުގައިވާތީވެ، އަދި މިޔަރުގެ ހުރިހާ ބާވަތްތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދު"ގެ ދަށުން ހިފުން، ބޭނުން އަދި ނެގުން މަނާ ލިސްޓުގައި ހިމަނާފައިވާ ބާވަތްތަކެއް ކަމުގައިވާތީވެ، ޤާނޫނާއި ގަވާއިދާއި ޚިލާފަށް މިޔަރު މަސްވެރިކަމުގައި، އަދި ޕްރޮސެސްކުރުމުގައި ނުވަތަ އެކްސްޕޯޓްކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއިމެދު މަސްވެރިކަމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ