ކީކިމިނީ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނައުމަށް ފިޝަރީޒް މިނިސްޓްރީން ކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު މަޝްވަރާކުރަމުންދާ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިނުގެ، ށ.އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ކީކިމިނިން މަސް ކިރުމުގެ ޙިދުމަތް ލިބެން ނެތުމުގެ ޝަކުވާވަނީ އެއަތޮޅުން ކައުންސިލްއަށް ވާދަކުރާ ފަރާތްތަކުން ވަނީ ހުށަހަޅާފައެވެ.
އަދި މިކަމަށް ޖަވާބުދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ ށ. ކީކިމިނިން މަސްވެރިންނަށް ޙިދުމަތްދޭން ފެށުމަށް ފިޝަރީޒް މިނިސްޓްރީން މަޝްވަރާކުރަމުންދާ ކަމަށެވެ.
"ކީކިމިނީ އިޝޫގައި ފިޝަރީޒް މިނިސްޓްރީން އެބަ މަޝްވަރާކުރަމުން ގެންދޭ، އެތަނުގެ މަސައްކަތް ފެށޭތޯ،." ރައީސް ޞާލުޙް ވިދާޅުވިއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައި މިވަނީ ކީކިމިނި މިއަހަރުގެ ޖެނުއަރީ މަހު ކީކިމިނި އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް މިހާތަނަށް މިކަން ހަޤީޤަތަކަށް ވެފައި ނުވެއެވެ. މިނިސްޓަރު ޒަހާ މިހެން ވިދާޅުވިތާ 3 މަސް ފަހުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވާހަކަ ފުޅާ ގުޅިގެން މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަމަށް އެއްވެސް ފިޔަވަޅެއް ނޭޅެނީ އެރަށުގެ ހިއްސާދާރަކީ ކޯލިޝަން ޕާޓްނަރަކަށްވާތީތޯ މަސްވެރިން އަންނަނީ ސުވާލު ކުރަމުންނެވެ.
އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ށ. ކީކިމިނި ހަވާލުކޮށްފައި އޮންނަތާ މިހާރު 18 އަހަރުވަނީއެވެ. އެރަށުގައި ތަރައްޤީކޮށްފައިވާ “ކީކިމިނީ ފިޝަރީޒް ކޮމްޕްލެކްސް” އަށް މަސް ނުކިރުމަކީ މަސްވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އުތުރުގެ މަސްވެރިކަން ރަނގަޅުވެ މަސް ކިރުވުމުގައި ދަތިތަކެއް ދިމާވުމުން ކީކިމިނީގެ އޮޕަރޭޝަން ފެށުމަށް އުތުރުގެ މަސްވެރިން ވަނީ މުޒާހަރާވެސް ކޮށްފައެވެ.