ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޮޑުކަންނެލި ގަނެ އެކްސްޕޯޓުކުރާ ކުންފުންޏެއްކަމަށް ސީޕްރިއާ މެރިން ފުޑް ޕްރައިވެޓް ލިމިޑެޓުގެ ފަރާތުން މަސްވެރިންނަށް ރޯދަ ހަދިޔާގެ ގޮތުގައި ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ހިމެނޭ ޕެކޭޖްތަކެއް ބެހުމަށް ނިންމައިފިއެވެ.
މިހާރު ހަދިޔާތަށް ބަހަން ފަށާފައިވާއިރު، މި ހަދިޔާތަށް ދެނީ އެކުންފުންޏަށް މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް މަސް ކިރާފައިވާ މަސް ދޯނި ފަހަރުތަކަށެވެ. މި ހަރަކާތާއި ގުޅޭގޮތުން މަސްވެރިން އެމްވީއަށް މައުލޫމާތުދެއްވަމުން ސީޕްރިއާ މެރިން ފުޑް ޕްރައިވެޓް ލިމިޑެޓުގެ ސީއީއޯ ޔާސިރު ވަޙީދު ވިދާޅުވީ، ހަދިޔާ ދިނުމުގައި އިސްކަން ދީނީ ވީހާވެސް ގިނަ އަދަދެއްގެ މަސް ދޯނިތަކަށް އެހީވުމަށް ކަމަށެވެ.
"މަދުވެގެން އެ އަހަރުތެރޭގައި 25 ޓަނަށްވުރެ ގިނައިން މަސް ކިރާފައި ހުރި އޮޑިފަހަރުތަކަށް، އެއީ ދާއިމީކޮށް ސީޕްރިއާއަށް މަސް ކިރާ ދޯނިތަކަށް އަމާޒްކުރަން، ވަރަށް ފަހުން މި ގަންނަން ފެށީ ކަނޑުމަސް، އޭގެވެސް އެބައުޅޭ 25 ވަރަކަށް ދޯނި މި ހަދިޔާ ލިބޭނެ،" ޔާސިރު ވިދާޅުވިއެވެ.
މިފަދަ ހަދިޔާއެއް ބެހުމަށް ނިންމީ މަސްވެރިންނަށް މިދަނޑިވަޅުގައި އެހީއެއް ދިނުމަށްކަމަށް ޔާސިރު ވިދާޅުވިއެވެ.
މި ހަދިޔާ ޕެކޭޖުގައި، ބޮޑު ތެޔޮ ހަމަކާއި، ގަނޑުކުރި ކުކުޅާއި، ގެރި މަހާއި، މަސް ކޭހަކާއި، ބާސް މަތީ ހަނޑޫ އަދި ޖޫސް ކޭސް ފަދަ ކެއުންބުއިމުގައި އާއްމުކޮށް ބޭނުންކުރާ ބާވަތްތައް ހިމެނޭނެކަމަށް ސީޕްރިއާ މެރިން ފުޑް އިން ހާމަކުރެއެވެ.
ސީޕްރިއާގެ މެރިން ފުޑް ޕްރައިވެޓް ލިމިޑެޓުގެ ޖެނެރަލް މެނޭޖަރ އަޙްމަދު ނިޒާމް ވިދާޅުވީ މަސްވެރިނަށް ހަދިޔާ ލިބުމުން މަސްވެރިނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެންދިޔަކަމަށެވެ.
"ހަދިޔާ ލިބުނު މަސްވެރިއެއް ބުނި، މިކަހަލަ ކަމެއް ކުރީމަ ވަރަށް އުފާވި ކަމަށް އަދި މިކަހަލަ ދަތި ދުވަސްކޮޅެއްގައި، މިފަދަ ކަމެއް ކޮށްދިނުމުން ވަރަށް އުފާވިކަމަށް ބުނި،" ނިޒާމް މަސްވެރިންގެ ޝުޢޫރުތައް ހިއްސާކުރިއެވެ.
ސީޕްރިއާ މެރިން ފުޑްއިން މަސައްކަތްކުރަމުންދަނީ މަސްވެރިންނާއި ވީހާވެސް ގާތުން، އަދި ވީހާވެސް ގުޅިގެން މަސައްކަތްކުރުމަށެވެ.
ސީޕްރިއާއިން ދަނީ ކަންނެލި މަސް އަދި ކަނޑުމަސް ރާއްޖެއިން ބޭރުގެ އެކި މަރކެޓުތަކަށް އެކްސްޕޯޓްކުރަމުންނެވެ. ސީޕްރިއާގެ މަސް ކާރުހާނާ ހިންގަނީ ކ. ހިންމަފުށީގައެވެ. ކުޑަ ގޮތަށް ފެށިގެން އަދި ސީޕްރިއާ މެރިން ފުޑްގެ ވިޔަފާރި ދަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުންނެވެ.