މަސްގަންނަ އަގަށް ގެނައި ބަދަލު މަސްވެރިން ބަލައި ގަނެފައި ނުވާކަމަށާއި، މިކަން އިންތިޙާބު ނަތީޖާއިން ހާމަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތަށް ބަދަލުތަކެއް ގެނައި ކަމަށެވެ. އެހެން ނަމަވެސް މި ބަދަލުތަކެއް މަސްވެރިން ބަލައި ގަނެފައިނުވާ ކަމަށެވެ. މިކަން މަސްވެރިން ދެކެފައިވަނީ ގެއްލުމެއްގެގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
"މިސާލަކަށް ބައެއް މަސްވެރި ދާއިރާތައް އެބަހުރި ސަރުކާރަށް ގެއްލިފައި، ވަރަށް ބޮޑަށް ކުރީގައި ތާއީދުއޮތް ގއ،ގދ، އިހަވަންދޫ ކަހަލަ ތަންތަނުން އެބަހުރި، ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަޔަތަށް އަޅުގަނޑުމެން ގެނައި ބަދަލުތަކެއް، މީގެން ކުރިން، އެއީ އަގަށް ގެނައި ބަދަލުތަކެއް، އޭރު ގަންނަމުން އައި އަގަށް ވުރެ ދަށްކޮށް ސަރުކާރުން ގަންނަން ފެށީ، އެއީ ދެކޮޅު ނުޖެހި މިފްކޯ ގެއްލުންވަމުންދާތީ، " ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިޙް ވިދާޅުވީ ސަރުކާރުން މިގެންނަ ބަދަލުތަކާއި ތަރައްޤީއާއި އެކު މަސްވެރިކަމަށް ބޮޑު ބަދަލުތަކެއް އަންނަތަން ފެނިގެންދާނެ ކަމަށެވެ.
" ކުޑަ ވަގުތުކޮޅެއް މިނަގަނީ، މިކަން ބަދަލުވެ ނިމޭއިރު، މަސްވެރިންގެ ކަންބޮޑުވުންތަކަށް އަޅުގަނޑުމެންނަށް ޖަވާބު ހޯދޭނެ،" ރައީސް ސޯލިޙް ވިދާޅުވިއެވެ.
މަސްވެރިންގެ އަތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް މަސް ގަންނަމުން ދިޔަ އަގު ކޮންޓްރޯލް ހަތް އަހަރަށް ފަހު ދޫކޮށްލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު 20 ވަނަ ދުވަހު އެވެ. މަހުގެ ކޮންޓްރޯލް އަގު ދޫކޮށްލުމާއެކު ކުރިން 20 ރުފިޔާ އަށް އެންމެ ކުޑަ އަގެއްގައި ގަންނަމުން ދިޔަ މަސް ކިލޯއެއްގެ އަގު މިހާރު އުޅެނީ 13 ރުފިޔާ އަށެވެ.
ސަރުކާރުން ދަނީ މަސްވެރިކަން ތަރައްޤީކުރުމަށް ބިޔަ މަޝްރޫޢުތަކެއް ފެށުމަށް ނިންމާފައެވެ. އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި މަސް ގަނެ ރައްކާކުރާ ކާރުޙާނާތައް ތަރައްޤީކުރުމާ ފެލިވަރާއި ކޫއްޑޫ ތަރައްގީކުރަން ނިންމައި، ފެލިވަރުގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ.


