ރާއްޖޭގައި މަސް ޕްރޮސެސްކޮށް އެކްސްޕޯޓު ކުރުމުގެ މަސައްކަތްކުރަމުންދާ ކުންފުނިތައް މަދެވެ. މި ކުންފުނިތަކުން ދަނީ ދިވެހި މަސްވެރިންގެ އަތުން މަސް ގަނެ ބޭރުގެ އެކި މާރކެޓްތަކަށް މަސް އެކްސްޕޯޓުކުރުމުންނެވެ. މިއީ ފަސޭހަ މަސައްކަތެއް ނޫނެވެ.
ރާއްޖޭގައި މި ވިޔަފާރި ކުރާ ކުންފުނިތަކުގެތެރެއިން ސީޕްރިއާ މެރިން ފުޑް އަކީ ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެކުންފުނިން މިވަނީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ.
ސީފްރިއާ މެރިން ފުޑް ކުންފުނި އުފެދިގެން އައީ ކުޑަގޮތަކަށެވެ. 2005ވަނަ އަހަރު ކ. ހިންމަފުށީގައި މި ކުންފުނި އުފެދިގެން އައި އިރު، ރާއްޖެއިން އެކްސްޕޯޓްކުރަމުންދިޔައީ ކަންނެލި މަސް ތާޒާކޮށެވެ. އޭރު ބޭރުކުރަމުން ދިޔައީވެސް ވައިގެ މަގުންނެވެ.
މަސްވެރިން އެމްވީއާއި ވާހަކަދައްކަވަމުން ސީޕްރިއާ މެރިން ފުޑް ޕްރައިވެޓް ލިމިޑެޓުގެ ސީއީއޯ ޔާސިރު ވަޙީދު ވިދާޅުވީ، 2006ވަނަ އަހަރު ބޮޑު ކަންނެލި ގަނޑުކޮށްގެން ބޭރުކުރަން ފެށި ކަމަށެވެ.
" އޭރު މައިގަނޑުގޮތެއްގައި އޮތީ ތާޒާ ކަންނެލިމަސް އެކްސްޕޯޓްކުރުން، ކުންފުނީގެ ވިޔަފާރިވެސް ބިނާވެފައި އޮތީ ވައިގެ މަގުން ތާޒާކޮށް މަސް ބޭރުކުރުމަށް، އެހެން ނަމަވެސް ގަނޑުކުރި ގޮތަށް މަސް އެކްސްޕޯޓް ނުކުރޭ އޭރު ވަރަށް،" ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ ސީޕްރީއާ މެރިންއިން ވައިގެ މަގުން މަސް ބޭރުކުރަމުން ދިޔައީ ތާޒާމަސް އެކި ގޮތްގޮތަށް ކަނޑާފައި ކަމަށެވެ. އަދި މިދިޔަ އަހަރު ތެރޭ އެކުންފުނިން ކަނޑުމަސް އެކްސްޕޯޓްކުރަން ފަށާފައިވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.
" އަޅުގަނޑުމެން ކަނޑުމަސް ގަނެ ބޭރުކުރަމުން ދަނީ ގަނޑުކޮށްފަ، އެއަށް ވެލިއު އެޑްކޮށްފައި، އެއާ ބްލާސްޓް ފްރީޒަރ ބޭނުންކޮށްގެން މަސް ފިނިކުރަނީ، އެގޮތަށް ފިނިކޮށްފައި، އަޅުގަނޑުމެން ކޮންޓެއިނަރގައި ބޭރުކުރަނީ، " ޔާސިރު ވިދާޅުވިއެވެ.

ސީޕްރިއާ މެރިން ފުޑްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކޮށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުތެރޭ އެކުންފުނިން ކަނޑުމަސް ގަންނަ ފެށިއިރު، ދުވާލެއްގެ މައްޗަށް ގަނެވެނީ 5 ވަރަކަށް 6 ވަރަކަށް ޓަނު ކަމަށާއި، އެހެން ނަމަވެސް މިހާރު 20 ޓަނުވިޔަސް 30 ޓަނުވިޔަސް ނެގޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
އަދި ކަންނެލީގެ މަސްވެސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ސީޕްރިއާ މެރިން ފުޑްއިން އިން ފާހަގަކުރެއެވެ.
ސީފްރީއާ މެރިންއިން އާއްމުކޮށް މަސް ބޭރުކުރަމުންދިޔައީ ޔޫރަޕްގެ މާރކެޓަށެވެ. އެގޮތުން ޔޫރަޕްގެ ސްޕެއިންއަށް އެކުންފުނިން ގިނަ އަދަދަކަށް މަސް އެކްސްޕޯޓްކުރާކަމަށް ޔާސިރު ވިދާޅުވިއެވެ.
އެހެން ނަމަވެސް ކޮވިޑާއި ގުޅިގެން އެހެން މަރކެޓްތަކަށްވެސް އެކުންފުނިން މަސް އެކްސްޕޯޓްކުރަން ފަށާފައިވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.
"މިހާރު އެހެން މަރކެޓްތަކަށް މި ފޮނުވަނީ، އެއީ އޭޝިއާގެ މަރކެޓްތަކާއި، ސެންޓްރަލް އެމެރިކާގެ މަރކެޓްތަކަށާއި، އަދި އޭގެއިތުރުން ވެސްޓަން އެފްރިކާގެ ޤައުމުތަކަށްވެސް މަސް ފޮނުވަން މިހާރު،" ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ ކޮވިޑާއި ގުޅިގެން ޔޫރަޕް މިހާރު ފުރަބަންދުގައި އޮތީމުން މަހަށް އެހައި ޑިމާންޑެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް ވެކްސިންއާއި އެކު ކައިރި މުސްތަޤްބަލެއްގައި އަނެއްކާވެސް ޔޫރަޕްގެ ޤައުމުތަކަށް މަސް އެކްސްޕޯޓު ކުރެވެން ފެށޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ ސީޕްރިއާއިން މަސައްކަތް ކުރަމުންދަނީ މަސްވެރިންނާއި ވީހާވެސް ގުޅިގެން ވީހާވެސް ގާތުން މަސައްކަތްކުރަން ކަމަށެވެ. އަދި އެކުންފުނީގެ މަސައްކަތްތަށް ބިނާވެފައި އޮތީ މަސްވެރިން އެކުރާ ބުރަ މަސައްކަތަށްކަން ސީފްރިއާ މެރިން ފުޑްއިން ފާހަގަކުރެއެވެ.



