ކުރީގެ ފިޝަރީޒް މިސްޓަރު ޒަހާ ވަހީދު/ ފޮޓޯ: ޕީއެސްއެމް ނިއުސް
ކުރީގެ ފިޝަރީޒް މިސްޓަރު ޒަހާ ވަހީދު/ ފޮޓޯ: ޕީއެސްއެމް ނިއުސް

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާއި ގުޅޭ މަޝްވަރާތަކެއް ނުކުރެވޭ- ފިޝަރީޒް މިނިސްޓްރީ

މިޔަރުގެ މަސްވެރިކަންކުރުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރެވޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން މިހެން ވިދާޅުވެ ނޫސް ބަޔާނެއް ނެރެފައި މިވަނީ މިދިޔަ މަހުގެ 23ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖްލީޙުގެ އިޤްތިސާދީ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒަހާ ވަޙިދު މިޔަރުގެ މަސްވެރިންކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިނިސްޓަރ ޒަހާ އެހެން ވިދާޅުވީ މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން ނޫން ކަމަށާއި، އެއީ ލޭނުގެ މަސްވެރިކަމުގެ ހުއްދަ އަލުން ދިނުމާއި ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާ ބައްދަލުވުމުގެ ވާހަކަ ކަމަށެވެ.

އެގޮތުން ލޭނުގެ މަސްވެރިކަމަށް އަލުން ހުއްދަ ދިނުމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ލޭނުގެ މަސްވެރިކަމުގެ ތެރެއިން މިޔަރުވެސް ނަނުގައި ޖެހި ހިފޭނެ ކަމާއި، އެގޮތުން އެފަދަ ކަންތައްތަކުގައި އަމަލު ކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށް ނޫސް ބަޔާނުގައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން މިހެން ވިދާޅުވި ނަމަވެސް އިޤްތިސާދީ ކޮމެޓީގައި މިނިސްޓަރވަނީ ސާފު އިބާރާތުން  މިޔަރުގެ މަސްވެރިކަންކުރުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވެފައިވަނީ، މިޔަރުގެ މަސްވެރިކަމަކީވެސް ރާއްޖޭގެ އިޤްތިސާދަށް ފައިދާ ކުރާނެ މަސްވެރިކަމަކަށްވާތީ އެކަމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށެވެ.

” ފިޝަރީޒް މިނިސްޓްރީއަކީ އިޤްތިސާދު ކުރިއެރުވުމަށްޓަކައި އޮތް މިނިސްޓްރީއެއް، ޤާނޫނުން ފަރުމާކޮށްދެނީ ކޮންމެ މަސްވެރިކަމެއްވެސް ބެލެހެއްޓިގެން، މެނޭޖް ފިޝަރީއެއްގެ ގޮތުގައި ކުރުމަށް މަގުފަހިކުރަން، އެހެންވީމާ މާކަނޑުން މިޔަރުގެ މަސްވެރިކަން ކުރުމަށްޓަކައިވެސް، މަޝްވަރާކުރެވެމުންދަނީ، ހުޅުވާލާނީ ކޮން ގޮތަކަށްތޯ،” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ދުނިޔޭގައި މިޔަރު ހިމާޔަތްކޮށްފައިވަނީ ވަރަށް މަދު ޤައުމެއްގައި ކަމަށެވެ. ރާއްޖެއިން މި މަސްވެރިކަމަށް ހުޅުވާލާނީ މެނޭޖް ފިޝަރީޒްއެއްގެ ގޮތުގައި ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

“އިޤްތިސާދީ މަންފާއެއް ލިބޭ އެއްޗެއް އަޅުގަނޑުމެން އެކަނި ހުދޫދެއްގެ ތެރޭގައި ތިބޭކަށް ނުޖެހޭ، ދެން މެނޭޖް ފިޝަރީއެކޭ މިބުނަނީ، ވަކި މުއްދަތަކަށް ހުޅުވާލާފައި، އާބާދީއަށް ގެއްލުން ނުވާގޮތަށް އޭގެ މަންފާވެސް އަޅުގަނޑުމެންވެސް ހޯދަންޖެހޭނެ،” މިނިސްޓަރ ވިދާޅުވިއެވެ.

މިހާ ތަފްސީލީގޮތެއްގައި މިނިސްޓަރ މިކަމާއި ގުޅޭގޮތުން ވާހަކަދައްކާފައިވާއިރު، ފިޝަރީޒް މިނިސްޓްރީން މިހާރު މިވަނީ މިވާހަކަ ދޮގުކޮށްފައެވެ. މިހާ ގިނަ ދުވަހު އެއްޗެކޭ ނުބުނެ މިނިސްޓްރީން ތިބީ ކީއްވެ ކަމާމެދުވެސް ސުވާލު އުފެދެއެވެ.

އަދި އޭރު ހުރިހާ ނޫސްތަކަކަށް އެވާހަކަ އަރަމުން ދިޔައިރު އޭރު އެކަންވީގޮތް މީޑިއާ ތަކަށް ސާފު ނުކޮށްދިނީ ކީއްވެގެންތޯއެވެ؟

މަޖްލިސް ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރ ޒަހާ މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާއި ގުޅޭ މަޝްވަރާތައް ކުރެވޭކަމަށް ވިދާޅުވި ހިސާބުން، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތައް އެކަމާއި ދެކޮޅަށްވަނީ އަޑު އުފުލާފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!