breaking

އެންސިސްއިން ކަނޑުމަސް ކިލޯއެއް ގަންނަ އަގު 17 ރުފިޔާއަށް ބޮޑުކޮށްފި

އެންސިސްއިން ކަނޑުމަސް ކިލޯއެއް ގަންނަ އަގު 17 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

އެންސިސްގެ ޖެނެރަލް މެނޭޖަރު ހުސެއިން އަފީފު ވިދާޅުވީ، އެއް ކިލޯއެއް މަތީގެ ކަޅުބިލަމަހާއި ކަންނެލި އެކުންފުނިން ގަންނަ އަގު 17 ރުފިއާށް ބޮޑުކޮށްފައިވާކަމަށެވެ. މީގެ ކުރިން އެންސިސްއިން ކަނޑުމަހާއި ކަންނެލި ކަންނެލި ގަންނަމުން ދިޔައީ 16 ރުފިއާ އަށެވެ.

"ރާއްޖޭގެ މަސްގަންނަ އެހެން ކުންފުނިތަކުން އާންމުކޮށް 1.5 ކިލޯއިން ދަށުގެ މަސް ގަންނާނީ ވަރަށް ދަށް އަގެއްގައި. އެކަމަކު އެންސިސްއިން މި ގަންނަނީ 1 ކިލޯއިން މަތީގެ މަހާއި ކަންނެލި 17 ރުފިޔާއަށް. މީގެ ސަބަބުން މަސްވެރިންނަށް ބޮޑު ފައިދާއެއް ލިބިގެންދާނެ." ހުސެއިން ވިދާޅުވިއެވެ.

އެންސިސްއިން މަސް ގަންނަ އަގަށް ގެނައި ބަދަލާ ގުޅިގެން މިވަގުތު ރާއްޖޭގައި އެންމެ ބޮޑު އަގުގައި ކަނޑުމަހާއި ކަންނެލި ގަންނަ ކުންފުންޏަށް އެކުންފުނި ވަނީ ވެފައެވެ. ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސް ގަންނަ ދެކުންފުނި ކަމަށްވާ މިފްކޯއާއި ހޮރައިޒަން ފިޝަރީޒުން 1.5 ކިލޯއިން މަތީގެ މަސް ކިލޯއެއް ގަންނަމުންދަނީ 16 ރުފިޔާއަށެވެ.

ކަނޑުމަސް ގަތުމުގެ އިތުރަށް އެންސިސްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޮޑު ކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުންޏެވެ. ބޮޑު ކަންނެލި ކިލޯއެއް 100 ރުފިޔާއަށް އެކުންފުނިން މިވަގުތު ގަންނަމުންދާއިރު 18 ކިލޯއާއާއި 30 ކިލޯއާއި ދެމެދުގެ ކަންނެލި ކިލޯއެއް އެކުންފުނިން ގަންނަނީ 60 ރުފިޔާއަށެވެ.

އެންސިސް އިން އަންނަނީ މަހުގެ ތަފާތު އުފެއްދުންތައް ތައްޔާރުކޮށް މާކެޓަށް ނެރެމުންނެވެ. މިގޮތުން އެކުންފުނިން އުފައްދާ މަސްދަޅު ކަމަށްވާ "އެންޒީ" ބްރޭންޑްގެ މަސްދަޅަކީ ރާއްޖޭގެ އެންމެ މަޤްބޫލް އެއް ބްރޭންޑެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!