މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާއި ޚިލާފަށް ރަގަޅުވެ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާތީ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެން އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކެއް ވަނީ ދިމާވެފައި ކަމަށް މިފްކޯއިން ހަމާކުރެއެވެ.
މިފްކޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދޯނިފަހަރު ކިޔުގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލިޓީގައި މަސް ގަންނަން ބޭނުންވާތީ، ބުރާސްފަތި ދުވަހު ކިއުއަށް އަރާފައިވާ ދޯނިފަހަރުގެ މަސް، ހުކުރު ދުވަހުގެ ބަޔަކާއި އެކީގައިކުރަމުންދާ ކަމަށެވެ.
އާންމުގޮތެއްގައި ހުކުރު ދުވަހަކީ މަސް ނުކިރާ މިފްކޯގެ ބަންދު ދުވަހެއް ކަމުގައި ވީނަމަވެސް ހާލަތަށް ބަލައި މަސް ކިރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކޯލްޑް ސްޓޯރުތައް ފުރެމުންއަންނާތީ ޖާގަހެދުމުގެ ގޮތުން މެދުކެނޑުމެއްނެތި ކެރިއަރ ބޯޓުތައްގެނެސް ލޯޑުކޮށް އެކްސްޕޯރޓް ކުރުމުގެ މަސައްކަތްވެސް
ކުރަމުންދާ ކަމަށް މިފްކޯއިން ހާމަކުރެއެވެ.
މިފްކޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސް ޚިދުމަތް ދިނުމަށް ކަމަށާއި، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ ކުންފުނިން ދެވޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށް ކަމަށެވެ.
ދެކުނަށް މިދުވަސްވަރު މަސްވެރިކަން ރަނގަޅުވެ، މިފްކޯއަށްވަނީ ބާރު ބޮޑުވެފައެވެ. މަސްވެރިން ގިނަ އިރު ކިއުގައި ތިބެން ޖެހޭނީ މަސްވެރިންގެ ކަންބޮޑުތައްވެސް އެބަހުއްޓެވެ.



