މިފްކޯއިން މަސްގަތުން ކޮންޓްރޯލް ކުރި ކުރުން އިތުރު ދުވަސް ތަކަކަށް ދަމަހައްޓައިފި

breaking

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މަސްބާނާ މިންވަރު އިތުރުވުމުން މިފްކޯއިން މަސްގަތުން ކޮންޓްރޯލް ކުރި ކުރުން އިތުރު ދުވަސް ތަކަކަށް ދަމަހައްޓައިފިއެވެ.

މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގައި ހުރި މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް މަސްކިރަމުންދާތީ މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސް ކިރުވުމަށް ދަތިތަކެއް ދިމާވެ، މިދިޔަ އާދިއްތަ ދުވަހު މިފްކޯއިންވަނީ ކޮންޓްރޯލްކޮށްގެން މަސް ގަތުމަށް ނިންމާފައެވެ.

އޭރު ކޮންޓްރޯލްކޮށްގެން މަސް ގަތުމަށް ނިންމީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފްކޯއިން ކޮންޓްރޯލްކޮށްގެން މަސް ގަންނަމުން ދަނީ ކޮންމެ ދޯންޏަކުން ގިނަވެގެން 4 ޓަނުގެ މަހެވެ.
އެހެންނަމަވެސް މިފްކޯއިން މިހާރު މިވަނީ އިތުރު ދުވަސްތަކަކަށް ކޮންޓްރޯލްކޮށްގެން މަސް ގަތުމަށް ނިންމާފައެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މަސް ގަތުން ކޮންޓްރޯލް ކޮށްފައި އޮތް އޮތުމަށް ލުޔެއް ދެވޭނީ އަދި ދެތިން ދުވަހަށް ބެލުމަށް ފަހު ކަމަށެވެ.

"ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް އަދިވެސް މަސް ލިބެމުންދަނީ، އެހެންވެގެން އަޅުގަނޑުމެން މި ނިންމީ އަދި ކުރިއަށް އޮތް ދެތިން ދުވަހު ބަލާފަ ޑިޒިޝަނެއް ނަގަން، އަދި 4 ޓަނާއިގެން ކުރިއަށް މިދަނީ، ބަލާނަން،އަންނަ ހަފްތާގައި މިއަށްވުރެ އިތުރަށް މަސް ގަނެވޭތޯ އަދި ކޮންޓްރޯލްވެސް ދޫކޮށްލުމަށް މަސައްކަތްކުރާނަން،" އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

އިސްމާއިލް ފައުޒީ ވިދާޅުވީ މަސް ގަތުން ކޮންޓްރޯލްކުރީ މަސްވެރިންނާއިވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި މިފްކޯގެ ނެތް ކެޕޭސިޓީއަކަށް މިފްކޯއަށް މަސް ނުގަނެވޭނެކަން މަސްވެރިން ޤަބޫލްކުރާ ކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.

މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސްގަތުން ކޮންޓްރޯލް ކުރުމަކީ މަސްވެރިންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި މިއީ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއެވެ. މިކަންކަން ހައްލުކޮށްދޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް މިކަމަށް ހައްލެއް ގެނައުމަށް އެއްވެސް ކަމެއް ކުރަމުން ނުދާކަމަށް މަސްވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ