މިދުވަސްވަރު ރާއްޖެއަށް މަސްވެރިކަން ރަނގަޅުވެފައިވާއިރު، މިފްކޯއަށް ކިރުވާ މަހުގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އަދި މިފްކޯގެ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ކިރުވަމުން ގޮސް، މިހާރު އެކުންފުނިން ވަނީ މަސް ގަންނަ މިންވަރު ދޯންޏަކުން 4 ޓަނަށް ކޮންޓްރޯލްކޮށްފައެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިދިޔަ އަހަރުގެ އޭޕްރޭލް ނިމުނު އިރު މިފްކޯއަށް ގަނެވިފައިވަނީ 15،000 ޓަނު މަސް ކަމަށާއި އެހެން ނަމަވެސް މިއަހަރުގެ އޭޕްރީލް އާއި ހަމައަށް 22،766 ޓަނުގެ މަސް ގަނެވިފައިވާ ކަމަށެވެ.
" މަސްވެރިންނަށް ގާތްގަނޑަކަށް 353 މިލިއަން ރުފިޔާ ދެވިއްޖެ، އެހެންވީމަ މަސް އެބަ ކިރޭ، އިތުރު 7000 ޓަނު ގަނެވިއްޖެ މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރު،" އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ އުތުރާއި މެދު ރާއްޖެ ތެރޭގެ ދޯނިތަށް ހިމެނޭހެން ގާތްގަނޑަކަށް 100 ވަރަކަށް ދޯނި ދެކުނުގައި މިދުވަސްވަރު ހަރަކާތްތެރިވަމުންދާއިރު މީގެން ކޮންމެ ދޯންޏަކުން ގާތްގަނޑަކަށް 30 ޓަނުގެ މަސް އެވްރެޖްކޮށް ކިރުވަމުން ގޮސްފައިވާ ކަމަށެވެ.
އަދި މަސް ބާނަމުންވެސް ދަނީ ކައިރިން ކަމަށްވެސް މަސްވެރިން ބުނެފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
މިފްކޯއިން މަސައްކަތްކުރަމުންދަނީ މަސްވެރިންނާއި ގާތުން މަސްވެރިންނާއި ގުޅިގެން ކަމަށްވެސް އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.
މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގައި ހުރި މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް މަސްކިރަމުންދާތީ މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސް ކިރުވުމަށް ދަތިތަކެއް ދިމާވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިފްކޯއިންވަނީ ކޮންޓްރޯލްކޮށްގެން މަސް ގަންނަން ފަށާފައެވެ.