LT

މަސް ކައްކާ ފަރާތްތަކުގެ ވިޔަފާރި ފުޅާ ކުރަން ސަރުކާރުން އެއްބާރުލުމެއް ނުލިބޭ: އެލްޓީ

މަސްވެރިކަމާއި ގުޅުންހުރި ގިނަ ވިޔަފާރިތަކެއް ރާއްޖޭގައި އުފެދިފައިވާއިރު، މަސް ކެއްކުމަކީވެސް ރަނގަޅު އާއްމަނީއެއް ލިބޭ މަސައްކަތެކެވެ.

މަސް ކެއްކުމާއި ފަރުމަސް ރިސޯޓުތަކަށާއި ރާއްޖޭގެ އެކި ވިޔަފާރިތަކަށް ފުޅާ ދާއިރާއެއްގައި ސަޕްލައި ކުރާ ފަރާތެއް ކަމަށްވާ ތ. ހިރިލަންދޫ ޖަވާހިރުވިލާ، އަބްދުﷲ އަބްދުލް ޤަނީ ނުވަތަ އެލްޓީ ދަނީ އެނާގެ ވިޔަފާރި ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެ ހިރިލަންދޫގައިވެސް މަސް ކެއްކުމާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށް ޙާއްސަ ތަނެއް އޭނާގެ ހުރެއެވެ.

އެލްޓީ މިމަސައްކަތް ކުރާތާ މިހާރުވަނީ 30 ހަކަށް އަހަރުވެފައެވެ. ވިޔަފާރި އިތުރަށް ފުޅާ ކުރުމަށްޓަކައި އޭނާގެ ފޮނި އުއްމީދުތަކެއް ހުރި ނަމަވެސް، އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަތިކަން އޭނާ ފާހަގަކުރެއެވެ.

އެލްޓީ ބުނީ ސަރުކާރުން ކުދި ވިޔަފާރިތަކަށް ދޫކުރާ ލޯންތަށް ދޫކުރަނީ ވަކި ބަޔަކަށް ކަމަށެވެ. އޭނާ ލޯންއެއް ނެގުމަށް އެސްއެމްއީ ބޭންކަށް މިހާރު ދެ ފަހަރެއްގެ މަތިން ފޯމް ލާފައިވާ ކަމަށް ބުންޏެވެ.

އަދި އެންމެ ފަހުން ލީ ފޯމަށް ބޭންކުން ދިން ޖަވާބާއި އެކު އޭނާ ވަނީ ވާޔޫސްވެފައެވެ.

" އަހަރުމެން ކަހަލަ މީހުން މިކުރާ މަސައްކަތް ސަރުކާރުން ބަލައިގަންނަ ތަނެއް ނުފެނޭ، މިރަށު މީހުންނަށް އެއްވެސް ފުރުސަތެއް ނެތް، ރަށު ކައުންސިލުންވެސް ލިޔުންތައް ދޭ ބޭންކަށް ބޭނުންވާ އެހެން ނަމަވެސް ސަރުކާރުން ރަށުގެ މިފަދަ މަސައްކަތް ކުރިއަރުވަން އެހީތެރިކަމެއް ނުދޭ"  އެލްޓީ ބުންޏެވެ.

ހިރިލަންދޫއަކީ ސިނާއީ ގިނަ މަސައްކަތްތަކެއް ކުރާ ރަށެކެވެ. އެލްޓީ އަކީ އެރަށުގައި އެންމެ ފުޅާ ދާއިރާއެއްގެ މަސް ކެއްކުމާއި މަސް ސަޕްލައި ކުރުމުގެ މަސައްކަތްކުރާ ފަރާތެވެ. އެހެން ނަމަވެސް އޭނާ ލޯނަށް އެދުމުން ސަރުކާރުން ދީފައިވާ ޖަވާބަކީ މިކަމަކީ އެރަށުގައި ކުރަން އެދެވޭ މަސައްކަތެއް ނޫން ކަމަށެވެ.

" ކުރީ ފަހަރުވެސް ލޯނަށް ލައިގެން، ވަރަށް ރަނގަޅަށް ޕްރޮޕޯސަލް ހަދާފަ ލީވެސް، އެކަމުގެ ތަޖުރިބާ ހުރި ބަޔަކާއި ހަވާލުކޮށްގެން ޕްރޮޕޯސަލް ހެދީވެސް، ދެން ރަނގަޅަށް އެކަންތައް ގޮސް، އެންމެ ފަހު ގަޑީގަ ލިބުނު ޖަވާބަކީ އެރަށުގައި މަސް ކެއްކުމުގެ މަސައްކަތްކޮށްގެން ކުރިއަށް ދެވޭނެ ކަމަކަށް ޤަބޫލް ނުކުރެވެއޭ،" އެލްޓީ ބުންޏެވެ.

އެލްޓީއަށް މިފަދަ ޖަވާބެއް ލިބުން ނަމަވެސް އޭނާ ހިތްވަރު އެލުވާލައެއް ނުލައެވެ. މިހާރުވެސް މަސައްކަތްކުރަމުން ދަނީ އޭނާ މަސައްކަތް ފުޅާ ކުރުމަށް ބޭނުންވާ ލޯން ހޯދުމުގެ މަސައްކަތެކެވެ.

އެލްޓީ ބުނާ ގޮތުން މަސް ކެއްކުމަކީ ރަނގަޅު ނަފާއެއް ލިބޭ މަސައްކަތެކެވެ. އެހެން ނަމަވެސް ދަތުރު ފަތުރުތައް އޮންނަ ގޮތުން އޯޑަރ ދިނުމާއި ޑެލިވަރީ އާއި ދެމެދު ދުވަސް ހޭދަވާތީ ދަތިވާ ކަން އޭނާ ފާހަގަކުރެއެވެ.

މަސްވެރިކަން ސިނާއަތް ކުރިއެރުވުމުގެ ވާހަކަދައްކާއިރު، އެލްޓީމެން ފަދަ ވިޔަފާރިތަކަކީވެސް މި ސިނާއަތުގައި ހިމެނޭ ވިޔަފާރިތަކެވެ. އަމިއްލަ ފަރާތްތަށް ކުރާ މިފަދަ ވިޔަފާރިތަށް ފުޅާ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތަކުގެ ބޭނުންވަނީ ޖެހިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!