މާލެ ސަރަޙައްދުގައި މިދުވަސްކޮޅު މަސްވެރިކަން ދަށްވެ، ބާޒާރުގައި މަހުގެ އަގު އުފުލިއްޖެއެވެ.
މާލޭ ލޯކަލް މަސްމާރުކޭޓުގައި ރޯދަމަހުގެ މެދެއްހާ ހިސާބު މަސް ވަރަށް ތިޔާގިއެވެ. އެއާއެކު މަސް ކިލޯއެއް އާއްމުކޮށް ވިއްކަމުން ދިޔައީ 35ރ އަށެވެ.
އެހެން ނަމަވެސް މިހާރު މަސް ކިލޯއެއްގެ އަގު އުޅެނީ 50ރ އަށެވެ. މާރުކޭޓުގައި މަސް ވިއްކާ މީހުން ބުނަނީ މި ދުވަސްކޮޅު މާރުކޭޓަށް މަސް ނުލިބޭ ކަމަށެވެ. އަދި ކޯވިޑާއި ގުޅިގެން މަހަށްދާ ދޯނި ފަހަރުވެސް މަދުވެފައިވާ ކަމަށާއި މޫސުންވެސް ގޯސްވެފައިވުމުން ކުރިއަށް އޮތްތާގައި މަހުގެ އަގު އިތުރަށް އުފުލުން އެކަށީގެންވާ ކަމަށް މަސް ވިއްކާ ފަރާތްތަކުން ބުނެއެވެ.
މާރކެޓުގައި ކަނޑުމަސް މަދުން ނަމަވެސް ލިބެން ހުރި އިރު، ކަންނެލި ލިބެން ހުރީ ވަރަށް މަދު ތަނަކުންނެވެ. ކަންނެލި ކިލޯއެއްގެ އަގު މިހާރު އިޅެނީ ކިލޯއެއް 70ރ އަށެވެ.
މިއަހަރުގެ ރޯދަމަސް ފެށުނު ހަފްތާގައި، މާލޭ ސަރަޙައްދުގެ މަސްވެރިކަން އޮތީ ވަރަށް ދަށްވެފައެވެ. ވޯޓު ދުވަސްކޮޅާވެސް ދިމާވުމުން ގިނަ އަދަދެއްގެ މަސްވެރިން ތިބީ އަމިއްލަ ރަށުގައެވެ. މިއާ އެކު އޭރު މަހުގެ އަގު ހުރީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން އޭރު ކަނޑުމަސް ކިލޯގެ އަގު ހުރީ 65ރ. އަށެވެ. އަދި ކަންނެލީގެ އަގު ހުރީ ކިލޯއެއް 50ރ. އަށެވެ.
ނަމަވެސް ރޯދަމަސް ފެށުނު ފަހުން ރާއްޖޭގެ ދެކުނަށް މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔައެވެ. އެހެންނަމަވެސް އެހާ ދުރުން މާލޭ ބާޒާރަށް އާއްމުކޮށް މަސް ނުގެންނާތީ އޭގެ މާބޮޑު އަސަރެއް މާލޭ ބާޒާރަށް ނުކުރެއެވެ.