ބޯކޮށް ވާރޭ ވެހި ފެން ބޮޑުވާނެ ކަމަށް ލަފާކޮށް، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އޮރެންޖް އެލާޓް ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި އަތޮޅުތަކަށް އޮރެންޖް އެލާޓް ނެރެފައިވަނީ މިރޭގެ 21:30 އިން 23:30އަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ، ވިލާގަނޑުގައި 50 މޭލުގެ ބާރު މިނުގައި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އޮރެންޖު އެލާޓަކީ "ސިވިއާ" ނުވަތަ ތިންވަނަ ލެވެލްގެ އެލާޓެވެ. އޮރެންޖު އެލާޓު ނެރެނީ އާދަޔާހިލާފަށް ބޯކޮށް ވާރެވެހި ފެން ބޮޑުވުމާއި، އާދަޔާހިލަފަށް ގުގުރުމާއެކު ވައި ގަދަވުން އެކަށީގެންވާ ހާލަތުގައެވެ.
މީގެއިތުރުން އެ އިދާރާއިންވަނީ ހއ. އަތޮޅުން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ. މި އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭގެ22:00 އިން ފަތިހު4:00 އަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ އިއްޔެއިން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް އުދައެރުންވެސް އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އެ މޫސުމާއި ބެހޭ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ. ހުރިހާ މަސްވެރިންވެސް މޫސުމަށް ސަމާލުކަން ދިނުމަކީ ވަރަށްމުހިންމު ކަމެކެވެ.



