ކަންނެލި ކިލޯއެއްގެ އަގު އަދިވެސް އުޅެނީ 100އިން މަތީގައި، މިއީ ފަހުގެ ތާރީޙެއްގައި އަގު މިގޮތަށް ދިގު މުއްދަތަކަށް ހިފެހެއްޓިފައިހުރި ފުރަތަމަ ފަހަރެވެ.
ބޮޑު ކަންނެލީގެ އަގު އުފުލެން ފެށީ މިދިޔަ މާރޗުމަހުގެތެރޭގައެވެ. އޭރު ކަންނެލީގެ މަސްވެރިކަން އޮތީވެސް ވަރަށް ދަށްވެފައެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އާއްމުކުރާ މައުލޫމާތުތަކުގައިވާގޮތުން، ރާއްޖޭގައި ކަންނެލި ގަންނަ ހުރިހާ ކުންފުންޏަކުންވެސް މިދުވަސްވަރު ކަންނެލި ގަންނަނީ 100 ރުފިޔާއަށް ވުރެ މަތިންނެވެ. މިހާރު އެންމެ ބޮޑު އަގުގައި ކަންނެލި ގަންނަނީ ޔޫރޯ ގްލޯބަލްއިންނެވެ. އެކުންފުން ކަންނެލި ކިލޯއެއް ގަންނަ އަގަކީ 110 ރުފިޔާއެވެ. އެހެން ކުންފުނިތަކުން ކަންނެލި ގަންނަ އަގުތަކަށް ބަލާއިރު ދެވަނަ އަށް އެންމެ ބޮޑު އަގުގައި ކަންނެލި ގަންނަނީ ބިގް ފިޝް ، އޯޝަން ހަންޓާސް، ސީ ސްޕައާރ އިންނެވެ. މިކުންފުނިތަކުން ކަންނެލި ކިލޯއެއް ގަންނަނީ 105 ރުފިޔާއަށެވެ.

ރޯދަ މަހާއި އެކުވެސް މަސްވެރިކަން ވަނީ ދަށްވެފައެވެ. ކަންނެލީގެ މަސްވެރިކަން ކުރާ ގިނަ ދޯނިފަހަރުތަށް މަހަށް އަދި ނުނިކުމެއެވެ. އެހެން ނަމަވެސް 6 ރޯދައަށް ފަހު މަހަށް ނިކުންނާނެ ކަމަށް މަސްވެރިން ބުނެއެވެ.



