ބަރަކާތްތެރި ރަމްޟާން މަހަކީ ރާއްޖޭގެ ގިނަ މަސްވެރިންގެ ޗުއްޓީ ދުވަސްވަރެވެ. ރަމްޟާންމަހުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ގޮތުންނާއި އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ގޮތުން ރަމްޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 6 ދުވަހު ގިނަ މަސްވެރިން ހޭދަކުރަނީ ރަށުގައެވެ. މަސްވެރިން އެމްވީން ކުރި ދިރާސާއަކުން އެނގޭ ގޮތުން ރާއްޖޭގެ ތިންބައި ކުޅަ ދެބައި މަސްވެރިން ރަމްޟާން މަހު މަހަށް ނުދެއެވެ.
މަސްވެރިން މަހަށް ފުރާ މިންވަރު މަދުވެ މަހުގެ އަގުވެސް ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. ބޮޑު ކަންނެލި ކިލޯއެއްގެ އަގު 100 ރުފިޔާއަށްވުރެ މަތިން ކުންފުނިތަކުން ގަންނަމުންދާތާ ދޮޅުމަހަށް މަސްދުވަސް ވެދާނެއެވެ. ކަންނެލި ގަންނަ ކުންފުނިތަކުން ބުނާގޮތުން ކަންނެލީގެ އަގު އުފުލިގެންދިޔައީ އެކަށީގެންވާ ވަރަށް ކަންނެލި ނުލިބޭތީއާއި މަސްވެރިން މަހަށް ފުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.
"ގިނަ ފަހަރަށް ކަންނެލީގެ މަސްވެރިކަން ރަނގަޅުވާއިރަށް އަގު ވައްޓާލާ. އެކަމަކު މިފަހަރު ކަންނެލީގެ އަގު މިހާރު ހުރި ވަރަށް ވުރެ ދަށް ނުކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް." ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުންނެވެ.
އެންސިސް ކުންފުންޏަށް ބޭނުންވާ ވަރަށް ކަޅުބިލަ މަސް ނުލިބުމުގެ ސަބަބުން މި ރޯދަމަހު އެކިފަހަރު މަތިން އެކުންފުނިން ކަނޑުމަސް ގަންނަ އަގު ބޮޑުކުރިއެވެ. މި ރަމްޟާން މަހު ފަހުކޮޅުން ފެށިގެން 1 ކިލޯއިން މަތީގެ މަހާ ކަންނެލި އެކުންފުނިން ގަންނަމުންދަނީ 18 ރުފިޔާއަށެވެ. އެންސިސް އަކީ ރާއްޖޭގެ އުތުރުން ކަޅުބިލަމަސް އެންމެ ގިނައިން ގަންނަ އެއް ކުންފުންޏެވެ. އަދި ރާއްޖޭގައި އެންމެ ފުޅާކޮށް ބޮޑުކަންނެލި ގަނެ އެކްސްޕޯޓް ކުރާ ކުންފުންޏެވެ.
މަސް ނުލިބުމުގެ ސަބަބުން މާލޭ މަސްމާރުކޭޓުގައިވެސް މަހުގެ އަގު ވަނީ ވަރަށް ބޮޑުތަނުން އުފުލިފައެވެ. ހަ ރޯދައިގެ ދުވަސްތަކު މަސްމާރުކޭޓުން މަސް ކިލޯއެއްގެ އަގު 90 ރުފިޔާއަށްވެސް ވިއްކިއެވެ.



