މާލޭ މަސް މާރުކޭޓުގައި މަސްވެރިންނަށްވެސް މަސް ވިއްކޭނެ ނިޒާމެއް ޤާއިމް ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީ މެޔަރ ޑރ. މުޙައްމަދު މުއީޒް ވިދާޅުވީ، މާލޭ މާރުކެޓުތަކުގެ ހާލަތު މިހާރު އޮތީ ވަރަށް ގޯސް ކަމަށެވެ.
'ލޯކަލް މަސް މާރުކޭޓް، ލޯކަލް މާރުކެޓް އަދި ދަތުރުވެރިންގެ މާރުކޭޓް، މި ތިން މާރުކޭޓުގައިވެސް ވަރަށް ގިނަ މައްސަލަތަށް އެބަހުރި، ރައްޔިތުން ބޭނުންވޭ މިކަމަށް ހައްލެއް، ވިޔަފާރި ކުރާ ފަރާތްތަށް، މަސްވެރިންނާއި ދަނޑުވެރިންނާއި، ވިޔަފާރިކުރާ ފަރާތްތަކުގެ ފަރާތުން އެ މައުލޫމާތުތަށް ލިބިފައި އެބަހުރި،' މުއީޒް ވިދާޅުވިއެވެ.
ލޯކަލް މަސް މާރުކެޓަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކާއި ގުޅޭ މައުލޫމާތުދެއްވަމުން މެޔަރ މުއީޒް ވިދާޅުވީ މިހާރު މަސްވެރިންނަށް މަސް މާރުކެޓުގައި މަސް ވިއްކޭނެ ނިޒާމެއް ނެތް ކަމަށެވެ. އަދި މަސް ގަނެ ވިއްކާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުސަތު ލިބޭ ގޮތަށް ގުރުއަތުލައިގެން މަސް ވިއްކޭނެ ނިޒާމެއް އަލުން ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށް މުއީޒް ވިދާޅުވިއެވެ.
'މިހާރު އޮންނަ ގޮތެއް ނޫން މިއީކީ، މަސްވެރިންނަށް މިހާރު ނޯވޭ، އެފަރާތްތަކަށް އައިސް މަސް ވިއްކޭނެ ފުރުސަތުތަކެއް، މިހާރު މި އޮންނަނީ ގަނެވިއްކާ ފަރާތްތަކަށް މަސް ވިއްކޭ ގޮތަށް، އެހެން ނަމަވެސް ކުރީގެ ނިޒާމް، މަސްވެރިނާއި މަސް ގަނެވިއްކާ ފަރާތްތަކަށްވެސް މަސް ވިއްކޭނެ ނިޒާމެއް ޤާއިމްކުރުމަށް ނިންމާފައިވަނީ،" މުއީޒް ވިދާޅުވިއެވެ.
މުއީޒް ވިދާޅުވީ އައިސްވެސް އަޅާފައި އަށިމަތީގައި މަސް ވިއްކޭނެ ގޮތަށް ބަދަލުތަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެއާ އެކު މަސް މާރުކެޓުން އަބަދުވެސް އައިސް ލިބޭނެ ނިޒާމެއް ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށާއި، ކުދިމަސް ވިއްކާ ފަރާތްތަކަށްވެސް ހުކުރު ދުވަސްތަކުގައި ބޭނުން ކުރެވޭނެ ގޮތެއް ހަމަޖައްސައިދީފައިވާނެ ކަމަށް މުއީޒް ވިދާޅުވިއެވެ.
މުއީޒް ވިދާޅުވީ ތިން މާރުކޭޓް އެއް އިމާރާތެއްގެ ދަށަށް ގެންނައުމުގެ ޕްލޭންވެސް ކައުންސިލުން ގެންގުޅުއްވާ ކަމަށެވެ. އެހެން ނަމަވެސް އެ އިމާރާތް ތަރައްޤީކުރަން ދުވަސް ނަގާނެ ކަމަށެވެ.