ކޯވިޑްގެ ބަލިމަޑުކަމާއި އެކު ރާއްޖޭގެ އިޤްތިސާދީ ގިނަ ހަރަކާތްތަށް މަޑުޖެހުނު ނަމަވެސް، މަސްވެރިންދަނީ މަހަށް ނިކުމެ އާމްދަނީ ހޯދުމަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ކޯވިޑު ފެތުރެމުން ދިޔުމުން ރަށްރަށުގައި ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަށް އަޅަމުންނެވެ. އެގޮތުން ގއ. އަތޮޅުންވެސް ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން މިހާރުވަނީ މަނާކޮށްފައެވެ. މިއާއެކު ގިނަ އަދަދެއްގެ މަސް ދޯނި ފަހަރުތަށް އޮންނަ ވިލިގިއްޔާ އަންނަ މަސް ދޯނިތަށް ޖެހެނީ ރަށަށް ނުފައިބައި ތިބެންށެވެ.
ވިލިގިލީ މަސްވެރިންނާއި ގުޅޭގޮތުން އެރަށު މީހެއް ފޭސްބުކްގައި ޝެއަރކޮށްފައިވާ ޕޯސްޓަކަށް ގިނަ ބައެއް ސަމާލުކަންވަނީ ލިބިފައެވެ. އެގޮތުން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ މި ޕޯސްޓު ޝެއަރކޮށްފައެވެ.
ވިލިގިލީ ތަމްހީދު ހަސަން ޝެއަރކޮށްފައިވާ މި ފޮޓޯތަކާއި އެކު އޭނާ ބުނެފައިވަނީ ކައުންސިލްގެ ނިންމުމާއި އެއްގޮތަށް މަހައްގޮސް އައިސް މަސްވެރިން ތިބެނީ ރަށަށް ނުފައިބައި ދޯނީގައެވެ. މަސްބާނާގެން އައިސް ރަށުގެ ފަޅުތެރޭގަ ތިބެ އަނބިންނާއި ކުދިވެރިންނަށް ހަނައަޅާ ހަދާ ކަމަށެވެ.
ބައެއްމީހުން ގޭގެ ހާލު ބާލާ ފޯނުކުރަމުން ދާމަންޒަރު ފެންނަ ކަމަށެވެ. އަނެއްބާމީހުން ގޭގެ ކަންތައްތަކާއި ފިކުރު ބޮޑުވެ ތިބޭކަންވެސް ފާހަގަކުރެވޭކަމަށް އޭނާ ބުނެފައިވެއެވެ.
ކައުންސިލްގެ ސުޓާފުން އެވެރިންގެ މަސްތަށް އެވެރިންގެ ގޭގެޔަށް ގެންދާ މަންޒަރުވެސް ފެންނަ ކަމަށް ތަމްހީދު ބުނެފައިވެއެވެ.
ރަށަށް އައިސް އާއިލާއާއި އެހާ ކައިރީގައި ތިބެމެ، އާއިލާ ގާތަށް ނުދެވުމަކީ ހިތްދަތި ހާލަތެކެވެ.
އެހެން ނަމަވެސް މަސްވެރިންގެ ހިތްވަރާ ދައްކާ މިސާލަށް ތައުރީފް ހައްޤެވެ.