މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެއްޖެއެވެ.
އެމްއެމްއޭއިން އާއްމުކޮށްފައިވާ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައިވާގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 99،075 ޓަނުގެ މަސްވަނީ އެކްސްޕޯޓްކޮށްފައެވެ.
އެކްސްޕޯޓުކުރިމަހުގެ އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ މި މުއްދަތުގައި ރާއްޖޭން ބޭރުކުރި ގަނޑުކުރި ކަޅުބިލަމަހުގެ އަދަދު އިތުރުވުމެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ޕައުޖުގައި ބަންދުކޮށްގެންނާއި ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދުވެސްވަނީ 35 އިންސައްތަ އިތުރުވެފައެވެ.
އަދި ޕްރޮސެސްކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދުވަނީ 76 އިންސައްތަވަނީ އިތުރުވެފައެވެ.
އެހެން ނަމަވެސް ރާއްޖެއިން އެކްސްޕޯޓްކުރި ރީނދޫ އުރަހަ ކަންނެލިމަހުގެ އަދަދުވަނީ މި މުއްދަތުގައި 28 އިންސައްތަ ދަށްވެފައެވެ.
އެމްއެމްއޭގެ ރިޕޯޓްގައިވާގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސް ގަންނަ ފަރާތްތަކުން މަސް ގަތް މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 21،465 ޓަނުގެ މަސް ގަނެފައިވާއިރު، މިއީ 3 އިންސައްތަ ދަށް އަދަދެކެވެ. މަސް ގަނެފައިވާ އަދަދު ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓުގައި ބުނެފައިވަނީ ކަންނެލި މަސް ގަންނަ ކުންފުނިތަކުން މަސްވެރިންގެ އަތުން ގަނެފައިވާ މަހުގެ އަދަދު ދަށްވުމެވެ.
އެގޮތުން ކަންނެލި ގަނެފައިވާ އަދަދުވަނީ 41 އިންސައްތަ ދަށްވެފައި ކަމަށްވެސް އެމްއެމްއޭގެ ރިޕޯޓްގައިވެއެވެ.



