ރާއްޖޭގެ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ހުރި ގޮންޖެހުންތަކާއި މި ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންތައްތަކާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން މަސް ގަންނަ ފަރާތްތަކާއި މަސްވެރިކަން ކުރާ ފަރާތްތަކާއި އެކު މަޝްވަރާކޮށްފިއެވެ.
ފިޝަރީޒް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ރާއްޖޭގެ ކަންނެލި ގަންނަ ހުރިހާ ކުންފުންޏަކުންނާއި، ކަންނެލީގެ މަސްވެރިން ތަމްސީލްކުރާ ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން، ބީކޭއެމްޔޫ އިން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބީކޭއެމްޔޫގެ ރައީސް ހުސެއިން ނަޝީދު ބުނީ މި ބައްދަލުވުމުގައި ދުނިޔޭގެ ބަޒާރުގައި ހުންނަ އަގަށް ބަލައި ރާއްޖޭގައި މަސް ގަނެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވުނު ކަމަށެވެ.
"ޕްލޯ ޕްރައިސްއެއް ކަނޑައަޅުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު، އަދި އިތުރަށް ދިރާސާކޮށް، މަޝްވަރާކޮށް ކަނޑައެޅޭނެ އަގަކީ ކޮބައިތޯ ބަލަން ސަރުކާރުން ވަރަށް ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވި، ދެން ހަމަ މިފަދަ ގިނަ މަޝްވަރާތަށް ކުރެވުނީ،" ނަޝީދު ބުންޏެވެ.
އަގާއި ގުޅޭ ގޮތުން ކުރެވިފައިވާ މަޝްވަރާތަކަކީ ކުރީގެ ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ވަޙީދާއި އެކުވެސް ކުރިއަށް ގެންދެވިފައިވާ މަޝްވަރާތަކެއް ކަން ނަޝީދު ފާހަގަކުރިއެވެ.
އެހެން ނަމަވެސް މިހާރުގެ މިނިސްޓަރާއި އެކު ކުރެވިފައިވާ މަޝްވަރާތަކާއި އެކު ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރާކަމަށްވެސް ނަޝީދު ބުންޏެވެ.
ނަޝީދު ބުނީ މަސް ގަންނަ ފަރާތްތަކަށްވެސް ޤައުމުތަކަށް މަސް އެކްސްޕޯޓުކުރުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުންނާއި، މި ދާއިރާގައި ހުރި ދަތިތަކާއި ގުޅޭގޮތުންވަނީ ވާހަކަދައްކާފައި ކަމަށެވެ.
ނަޝީދު ބުނީ އަންނަ ހަފްތާގައިވެސް މިފަދަ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.