196767969_143219687765286_2863197835002962691_n

އަމިއްލަ ފަރާތަކުން ތ. ހިރިލަންދޫގައި 30 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކޮށް ޚިދުމަތްދޭން ފަށައިފި

އަމިއްލަ ފަރާތަކުން ތ. ހިރިލަންދޫގައި 30 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކޮށް ޚިދުމަތްދޭން ފަށައިފިއެވެ.

ޑީއެޗްއެމް އައިސްޕްލާންޓްގެ ނަން ދީފައިވާ މި އައިސްޕްލާންޓަކީ 24 ގަޑިއިރުތެރޭ 30 ޓަނު އައިސް އުފެއްދުމުގެ ޤާބިލްކަން ހުންނަ އައިސް ޕްލާންޓެކެވެ. މި އައިސްޕްލާންޓްގެ ވެރިޔާއަކީ ހިރިލަންދޫ ހުސެއިން މަނިކެވެ. މި އައިސްޕްލާޓް ހިންގުމާއި ހަވާލުވެ ހުރީ އޭނާގެ ދަރިފުޅު މުޙައްމަދު ޝާފިއުއެވެ.

މަސްވެރިން އެމްވީއަށް މައުލޫމާތުދެމުން،  ޝާފިއު ބުނީ، އެރަށުގައި އައިސް ޕްލާންޓެއް ތަރައްޤީކުރުމަށް ނިންމީ އައިސް ލިބުމުގައި މަސްވެރިންނަށް ހުރި ދަތިތަކެއް ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަކީވެސް އަމިއްލަ މަސް ދޯނި ދުއްވާ ބައެއް، ކިރިޔާ މަސްވެރިކަން ރަނގަޅުވިޔަސް އައިސް ނުލިބޭނެ، ތ. އަތޮޅުން މ އަތޮޅަށްވެސް ދުއްވަން އެބަޖެހޭ އައިސް ހޯދަން، އެކަން ކަމަށް ހައްލު ހޯދައިދިނުމަށާއި، މަސްވެރިންނަށްވެސް އިތުރު ލުއި ތަކެއް ހޯދައި ދިނުމަށް ކުރި ކަމެއް މިއީ،" ޝާފިއު ބުންޏެވެ.

ޑީއެޗްއެމް އައިސް ޕްލާންޓުން، އައިސް ޓަނެއް ވިއްކަނީ 1270 ރުފިޔާއަށެވެ.

މި އައިސްޕްލާންޓް ތަރައްޤީކުރުމަށް ގާތްގަނޑަށް 5.5 މިލިއަނާއި 6 މިލިއަނާއި ދެމެދުގެ އަދަދެއް ޙަރަދުވެފައިވާ ކަމަށް ޝާފިއު ބުންޏެވެ.

އައިސް އުފައްދަނީ އޯޑަރަށް ކަމަށާއި، އޯޑަރު ދިނުމަށް، 9917777 އަދި 9995551 އަށް ގުޅުމަށް އެފަރާތުން އެދެއެވެ.

ހިރިލަންދޫގައި މިފްކޯގެ އައިސް ޕްލާންޓެއްވެސް ހުރެއެވެ. މިއީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. އެހެން ނަމަވެސް މިވަގުތުވެސް އެ އައިސް ޕްލާންޓުވަނީ މަރާމަރާތަށް ބަންދުކޮށްފައެވެ.

ތ. އަތޮޅަކީ މަސްވެރި އަތޮޅެކެވެ. ދޮށީގެ މަސްވެރިކަމަށް ޚާއްޞަ އަތޮޅެކެވެ. ނަމަވެސް ބޮޑުކަންނެލީގެ މަސްވެރިކަމަށް ތ.އަތޮޅަށް ގިނަ އަދަދެއްގެ މަސް ދޯނިތަށް ދަތުރުކުރެއެވެ. ހިރިލަންދޫއަކީ ރާއްޖެެއިން މަސްވެރިކަމަށް ފާހަގަކޮށްލެވޭ ރަށެކެވެ. މަސްދޯނިފަހަރު ގިނަ ރަށެކެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް މަސްކައްކާ ހިއްކާ އެއް ރަށެވެ. އެންމެ ގިނައިން މަސްދޯނިފަހަރު ބަންނަ އެއް ރަށެވެ. ރަށުގެ އެއްކޮޅު ވަނީ މިކަމަށް ޚާއްޞަކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!