މަސްވެރިކަމާއި ގުޅޭ

ހުއިފި ލަނޑާ ނަގާ ގޮތް

ހުއިފި ލަނޑާގެ މަސްވެރިކަމަކީވެސް އާމްދަނީ ހޯދުމަށް ކުރާ ވަރަށް ފައިދާ ހުރި މަސައްކަތެކެވެ.

އެންމެ ކުރީ ޒަމާނުއްސުރެން ފެށިގެން މަސްވެރިކަމެއްގެ ގޮތުގައި ކުރަމުން އައި މަސައްކަތެކެވެ. ކުރީގައި މާ ފުން ހިސާބުތަކުން ލަނޑާ ނެގުމަށް ޚާއްސަ ބުޅިގަނޑެއް ހަދާފައި އޮވެއެވެ. އެއީ މޫނު މައްޗާއި ފިންސް ބޭނުންކޮށްގެން އަޑިއަށް ނުދެވޭ ހިސާބުން ފެންނަ ލަނޑާ ނެގުމަށެވެ. އެ ބުޅިގަނޑުގައި ހުންނަނީ ކަންވާރެއް ޖަހާފައެވެ. ބުޅިގަނޑު ހަދާފައި އޮންނަނީ ތިމަރަ ބޭނުން ކޮށްގެން ދޯރިއެއްގެ ސިފައަށެވެ. އޭގެ ފަލަ ކޮޅުގައި ގާތްގަނޑަކަށް 6 އިންޗް ހުންނަވަރުގެ 3 ހިމަ ދަގނަޑުކުޅު ހަރުކޮށްފައި ހުރެއެވެ.  ލަނޑައެއް ފެނުމުން، ބުޅިގަނޑު ލަނޑަޔާ ދިމާލަށް އަޑިއަށް ފޮނުވާ އޭގެ ގައިމައްޗަށް ތިރިކުރުމުން ވަރަށް ފަސޭހައިން ބުޅިގަނޑު ވަދެއެވެ. މަސްވެރިން ބުނާގޮތުގައި، ލަނޑަޔަށް ފީނާ މަސްވެރިންނަކީ އެދުވަސްވަރު ވަރަށް އަޑިއަށް ފީނާ މީހުންނެވެ. 15-20 މީޓަރު އަޑިއަށް ގޮސް، 30 މީޓަރުގައި އޮންނަ ލަނޑާފެނުމުން، ބުޅިގަނޑުގައި ލަނޑާނެގުމަކީ ވަރަށް ފަސޭހަކަމެކެވެ.

އޭގެ އިތުރުން، ފިންސާއި މާސްކްގައި ތިލަމަތިންވެސް ލަނޑާ ނަގައެވެ. އާންމުކޮށް ލަނޑާ ނެގުމަށް ދަނީ ރޭނގަނޑުގެ ވަގުތުގައި ކަނޑުއަޑީގައި ބޭނުން ކުރުމަށް ޑައިވިން ބައްތި ހިފައިގެންނެވެ. މިހާރުވެސް ލަނޑާ ނެގުމުގައި އެންމެ ގިނައިން ބޭނުންކުރަނީ ފިންސާއި މާސްކެވެ. އާންމުކޮށް ނަގާ ބާވަތަކީ "ކަރީ ފިޝް" އެވެ. މިގޮތަށް ތިލަ ސަރަހައްދުތަކުން، ފަޅުމަތިން ލަނޑާ ނެގުމުގައި ޑިންގީ ނުވަތަ ބޮއްކުރާގައި ތިބެގެންވެސް ލަނޑާ ހޯދަން މަސައްކަތް ކުރެއެވެ. މިއީ ވަރަށް މަދުން ފެންނަ މަންޒަރެކެވެ. އާންމުކޮށް މިގޮތަށް ލަނޑާގެ މަސްވެރިކަން ކުރަނީ އެކަކު ނުވަތަ ދެމީހަގު ވެގެން ލަނޑާގެ މަސްވެރިކަން ކުރާ މީހުންނެވެ.

ފަހަކަށް އައިސް ވައިފުޅި އަޅައިގެން ފީނައިގެން ލަނޑާ ނެގުމަކީ އެންމެ އާންމުކޮށް މަސްވެރިކަން ކުރާ ގޮތެވެ. ވައިފުޅި އަޅައިގެން ފީނައިގެން ލަނޑާގެ މަސްވެރިކަން ކުރުމަކީ މަނާކަމެއް ނަމަވެސް، ފުން ހިސާބުތަކުން ލަނޑާ ހޯދުމުގެ ބޭނުމުގައި މަސްވެރިން ޑައިވްކޮށް ހަދައެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!